އޭނާ އާއި އޭނާގެ ޓީމު މިއަދު ނުކުމެ ތިއްބެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮއްވެވުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމަށް ހުށަހެޅި މައްސަލައަށް ގޮތެއް ނިންމުމަށް މިރޭ އިމާދުއްދީން ސްކޫލުގައި ކުރިއަށްދާ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ އާއި އޭނާގެ ޓީމު މިއަދު ނުކުމެ ތިއްބެވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮއްވަވަން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރައްޔިތުން ރައީސްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ސޯލިހު އިންތިހާބުކޮށްދެއްވީ، ގައުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އަދި އެ ބަދަލުތައް ރައީސް ސޯލިހު ގެންނަވަމުންދާ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ތެރެއިން ރައީސް ސޯލިހުގެ މަސައްކަތްފުޅަށް ހުރަސް އަޅުއްވައި ދަތިކުރައްވަމުންދާ ކަމަށެވެ.

"ދިވެހި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިސްކުރީ މި ގައުމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމަށް. އެކަމަށް މަޖިލީސްތެރެއިން ހުރަސް އަޅަމުންދާކަން ދިވެހިރައްޔިތުންނަށް ފެންނާނެ" ފައްޔާޒު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ މިހާރު ނުހިނގާ ކަމަށާއި އެމްޑީޕީ ހިންގާލަން އޭނާ އެ ހުންނެވީ ސަރުކާރާއެކު ގަދަކޮށް ނުކުމެވަޑައިގެން ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން އެމްޑީޕީ ހިންގާލާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ބްރޯ" ގެ ނަމުން މުހާތަބުކޮށް އަމާޒު ކުރަމުން ގެންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިރޭ ފައްޔާޒު ވިދާޅުވީ، އަސްލު "ބްރޯ" މިރޭ ސާފުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ސަރުކާރާއެއްކޮށް ގަދަކޮށް. އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިޔިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިޔިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ޓީމުން ކޯލް ސެންޓަރު ގާއިމުކޮށް އެމްޑީޕީގެ މެމްބަރުންނަށް ގުޅައި ފައްޔާޒަށް ދޭ ވޯޓަކީ ވަކި ބޭފުޅެއްގެ ދުވަސް ދުއްވާލުމަށް ދޭ ވޯޓެއްކަމަށް ބުނަމުންދާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ އެ އަމަލަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީއަށް އެންމެ އިހުލާސްތެރި މީހުންނަކީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އިމްތިޔާޒް ފަހުމީ އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކަމަށެވެ. އެ ވާހަކަތަކަށް އެ ޖެލްސާގައި ރައީސް ނަޝީދު ތާއިދުކުރެއްވިއިރު، އޭރު މަޖިލީހުގެ ފްލޯއަށް ވަނީ ކެމްޕޭނުގެ ފޯރި ވަދެފައެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި މިރޭ ފައްޔާޒު ވިދާޅުވީ، އޭނާ ނުކުރައްވާ މަސައްކަތެއް އީވާ ވިދާޅުވި މެމްބަރުން ވެސް ކޮށްފައިނުވާނެ ކަމަށެވެ. އެމްޑީޕީގެ ހުރިހާ ކަމެއްގައި ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ބައިވެރިވުން އެއްވަރުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.