އިއްޔެ ޕީއެސްޖީން ކުރި ތަމްރީނުތަކުގައި ކިލިއަން އެމްބާޕޭއަށް އަނިޔާވި ނަމަވެސް، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި އޭނާ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕީއެސްޖީއާއި ރެއާލުން ވާދަކުރި ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗު، ޕީއެސްޖީން 1-0 އިން ކާމިޔާބު ކުރި އިރު، އެ މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީވެސް ފްރާންސްގެ ތަރި އެމްބާޕޭއެވެ. ދެވަނަ ލެގު މާދަމާ ރޭ އޮންނަ އިރު އެ މެޗު ކުޅެވޭނީ ރެއާލްގެ ސަންތިއޭގޯ ބާނަބޭއޫގައެވެ.
މެޗަށް ދެޓީމުންވެސް ތައްޔާރުވަމުންދާ އިރު، ޕީއެސްޖީއާ ހަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިއްޔެ ކުރި ތަމްރީނުތަކުގައި އެމްބާޕޭއަށް ވަނީ އަނިޔާވެފައެވެ. އެންބާޕޭގެ ވާތު ފައިތިލައަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ކަމަށް ޕީއެސްޖީން ބުނެފައިވާ އިރު، މިއަދާ ހަމައަށް ޕީއެސްޖީން ދިޔައީ އެމްބާޕޭގެ ހާލަތު ކައިރިން ބަލަމުންނެވެ.
އުމުރުން 23 އަހަރުގެ އެމްބާޕޭގެ އަނިޔާއަކީ "ނޮކް" އެއް ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، އިއްޔެ ބައެއް މީޑިއާތަކުން ބުނީ އެމްޕާބޭއަށް ރެއާލްއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށެވެ.
އެހެން ނަމަވެސް އިތުބާރު ނޫސްތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލްއާ ދެކޮޅަށް އެމްބާޕޭ ކުޅުމުގެ އުންމީދު ބޮޑެވެ. 'ގޯލް' އިން ބުނެފައި ވަނީ އެމްބާޕޭއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވި ނަމަވެސް ރެއާލްއާ ދެކޮޅަށް ކުޅެވޭނެ ކަމަށް ކްލަބުން ބުނެފައިވާ ކަމަށެވެ.
އެމްބާޕޭއަށް އިއްޔެ އަނިޔާވުމުން މިއަދު ވަނީ އޭނާގެ މެޑިކަލް ޓެސްޓުތަކެއް ހަދައިފައެވެ. މިހާރުވެސް އެމްބާޕޭގެ ރިކަވަރީ މަސައްކަތް ޕީއެސްޖީން ކުރަމުން ގެންދާ އިރު، އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމުގެ ޔަގީންކަން "ގޯލް" އިން ވަނީ ދީފައެވެ. ޕީއެސްޖީން ވަނީ ރެއާލްއާ ދެކޮޅަށް ކުޅެން އިއުލާންކުރި ސްކޮޑުގައިވެސް އެމްބާޕޭގެ ނަން ހިމަނަައިފައެވެ.
އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފްރާންސާއެކު ވޯލްޑް ކަޕްވެސް އުފުލާލި އެމްބާޕޭއަކީ ޕީއެސްޖީއަށް އެންމެ މުހިއްމު ކުޅުންތެރިޔާއަށްވެސް ވީ އިރު، އޭނާ ނެތި ރެއާލްއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ ނަމަ، އެކަންވާނީ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް ބޮޑު މާޔޫސް ކަމަކަށެވެ. މިހާރުވެސް ކޯޗު ޕޮޗެޓީނޯއަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ.
އެގޮތުން ރެއާލްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ ދެވަނަ ލެގުގައިވެސް ޕީއެސްޖީގެ ޑިފެންޑަރު، ކުރިން ރެއާލްއަށް ގިނަ މެޗުތަކެއް ކުޅެދިން ސާޖިއޯ ރާމޯސް ނުކުޅޭނެ ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ. އޭނާ އަދިވެސް ހުރީ އަނިޔާގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު