މުޅި ރާއްޖެއަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ އޯޕަން ރައުންޑުގެ ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ލ. ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބާއި މުކުރިމަގު އައިލެންޑް ޔޫތު ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލ. ގަމު ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. އިއްޔެ ކުޅުނު މެޗަކީ އޯޕަން ބުރުގެ ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗެވެ. އޯޕަން ރައުންޑަކީ އެއް ރަށަކުން އެއް ޓީމަކަށް ވުރެ ގިނަ ޓީމު ބައިވެރިވެއްޖެ ނަަމަ އެ ރަށަކުން އަތޮޅު ލީގަށް ހޮވޭ ޓީމެއް ކަނޑައަޅަން ކުޅޭ ބުރެކެވެ.

ލ އަތޮޅު ގަމުން ހަތަރު ޓީމު ބައިވެރިވެފައިވާ އިރު، އެ ޓީމުތަކަކީ ގޯޅީގެ އިތުރުން އައިލެންޑް ޔޫތު ޔުނައިޓެޑް، އެސޯސިއޭޝަން ފޯ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން ފޯ ސްޕޯޓްސް (އަމީގޯސް) އަދި ތިއްތި ސްޕޯޓްސް ކްލަބެވެ. ލ. އަތޮޅުގެ އަތޮޅު ބުރު އަންނަ ޖޫން މަހަށް ތާވަލު ކޮށްފައިވާ އިރު، ދެން އެ އަތޮޅުން ބައިވެރިވި ޓީމުތަކާ އެކު ގަމުން ނުކުންނާނެ ޓީމެއް އިނގޭނީ ކޮލިފިކޭޝަން ނިމުމުންނެވެ.

އިއްޔެގެ މެޗުގެ 18 ވަނަ މިނެޓުގައި ގޯޅިން ލީޑު ނެގިއެވެ. އެޓީމަށް ގޯލު ޖަހައިދިނީ މުޖުތާޒް އަލީއެވެ. ނަތީޖާ ހަމަހަމަކުރަން އައިލެންޑް ޔޫތުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ. އެ ގޯލު އައިލެންޑް ޔޫތު ޔުނައިޓެޑަށް ޖަހައިދިނީ އިބްރާހިމް ރަޝީދު (ފީގޯ) އެވެ. ފީގޯއަކީ ކުރިން ދެވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަންގެ ކްލަބުތަކުން ފާހަގަވި ކުޅުންތެރިއެކެވެ.

ލ. އަތޮޅު ބުރަށް ކޮލިފައިވާ ޓީމު އަތޮޅު ބުރުގައި ވާދަކުރަންޖެހޭ އިރު، ލ އަތޮޅު ހިމެނެނީ ސައުތު ޒޯނުގައެވެ. އެ ޒޯނުގެ ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އަތޮޅުގެ ރަށްތަކެވެ. ލ. އަތޮޅުގެ އަތޮޅު ބުރުގެ ޓީމުތައް ޔަގީންވާނީ އަދި ލ. ކުނަހަންދޫގެ ކޮލިފިކޭޝަނަށް ފަހުގައެވެ. ލ. ކުނަހަންދޫން މުބާރާތުގައި ދެ ކްލަބަކުން ބައިވެރިވެފައިވާ އިރު، އެއީ ކުނަހަންދޫ އައިލެންޑް އެންޖީއާއި ސޮކާ އެކަޑެމީ އޮފް ކުނަހަންދޫއެވެ. އެ މެޗުތައް ތާވަލު ކޮށްފައި ވަނީ މިމަހުގެ 18 އިން 22 އަށެވެ. އެ ދެ ޓީމު ކުޅޭނީ ދެ ލެގުގެ ފައިނަލެކެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބެހިގެންދާނީ ހަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ކުޅެން ލީގުތަކަށް ބެހޭ އިރު، ނޯތު ލީގުގައި 16 ޓީމު ކުޅޭނެއެވެ. ސެންޓްރަލް ލީގުގައި 18 ޓީމު ކުޅޭނެއެވެ. އަދި ސައުތު ލީގުގައި 19 ޓީމު ބައިވެރިވާނެއެވެ. ކޮންމެ ލީގެއްގައި އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނަ ގޮތަށް ފޯމެޓް އޮތް ނަމަވެސް މި ވަގުތު ޓީމުތަކުގެ އަދަދަށް ބަލައި އިރު، ކޮންމެ ޒޯނެއްގައި އޮންނާނީ ދެ ވަނަ ޑިވިޝަނުން ފެށިގެންނެވެ.

ލ. ގަމުގެ ކޮލިފިކޭޝަންގައި މިއަދު ހަވީރު އޮންނަ މެޗުގައި ތިއްތި ސްޕޯޓްސް ކްލަބުން ނުކުންނާނީ އަމިގޯސްއާ ދެކޮޅަށެވެ.