ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި ރާއްޖޭގެ އެޑްމިނިސްޓްރޭޓިވް ފްރޭމްވޯކު މުޅިން ރިވިއުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ފަންނީ އުފެއްދުން ގިންތިކުރުމާއި ދަރަޖަކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ، ރާއްޖެއަކީ ހިންގުމުގެ ހަރަދު އިންތިހާއަށް ބޮޑު ގައުމެއް ކަމަށާއި މަޖިލީހަށް ހުށަހަޅާ ކޮންމެ ގާނޫނަކާ އެކުގައި ވަކި އިދާރާއެއް އުފެދިގެންދާ ކަމަށެވެ. ނަމަވެސް އެފަދަ އިދާރާތަކުން އެކަށީގެންވާ ގޮތަށް މަސައްކަތް ކުރަމުންނުދާއިރު، އިދާރާއިން ކަންކަން އޮޅުންފިލުވާލުމުން އެކަށީގެންވާ ބަޖެޓް ނުލިބޭ ކަމަށް ބުނާ ކަމަށް ވިދާޅުވިއެވެ.
ފަންނީ އުފެއްދުން ގިންތިކުރުމާއި ދަރަޖަކުރުމުގެ ބިލުގައި ހިމެނޭ ބައެއް ކަންތައްތައް ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ރާއްޖޭގައި އެއްބާވަތެއްގެ ކަންކަންކުރަން ގިނަ އިދާރާތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން މީޑިއާގެ ކަންތައްތަކަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އެބަ އޮތް ކަމަށާއި މިހާރު ހުށަހަޅާފައިވާ ބިލުން ކްލެފިކޭޝަން އޮތޯރިޓީއަށް ހަވާލުކުރަން އޮތީ ހަމައެކަނި ގިންތިކުރުމާއި މިންތިކުރުން ކަމަށް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި، ބްރޯޑްކާސްޓާބެހޭ ހުރިހާ މުއައްސަސާތައް އެއްކޮށްލައި، މީޑިއާ ރެގިއުލޭޓްކުރުުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި އެކަށީގެންވާ މެންޑޭޓާކާ އެކު ކުރުމުގެ މަސައްކަތް އެއް މުއައްސަސާއަކުން ކުރުމުގެ ވިސްނުން ގެންގުޅުމަށް މެންބަރުންގެ ކިބައިން ސަލީމް އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު