ރޫސީ ސިފައިން ޔުކްރޭނަށް އެރިތާ ދެ ހަފުތާވަނީއެވެ. ޔުކްރޭނު އެއްކޮށް ހިފުމުގައި އަދި ޔުކްރޭނުގެ ބާރު އެއްކޮށް ކަނޑުވައިލުމުގައި ރޫސީވިލާތަށް އަވަސް ކާމިޔާބީއެއް ނުހޯދުނެވެ. އެއީ ހަގީގަތެކެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންގެ ހިސާބު ޖެއްސެވުން ދިމާނުވީ ބާވައެވެ. އޭނާ ހިސާބު ޖެއްސެވީ 2014 ވަނަ އަހަރު ކްރައިމިއާ ހިފަން ހިންގި އޮޕަރޭޝަންހައި ފަސޭހަކޮށް މިފަހަރުވެސް މިކަން ނިންމައިލުމަށް ކަމުގައި ވެދާނެއެވެ. އެކަމަކު ފެންނަމުން މިދަނީ އަދި އެހެން މަންޒަރެކެވެ. ފެންނަމުން މިދަނީ މީގެ 28 އަހަރު ކުރިން ރޫސީ ސިފައިންނަށް ޗެޗްނިޔާގައި ކުރިމަތިވި ކަހަލަ ދަތި އުނދަގޫ ވޭންދެނިވި ހާލަތެކެވެ. ރޫސީ ސިފައިންގެ ބިޔަ ލަޝްކަރު ޗެޗްނިޔާއަށް ވަދެގަތީ 1994 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ޔުކްރޭނުގައިވެސް ކުރާން މިޖެހުނީ ހަމަ އެކަހަލަ ތަޖުރިބާއެކެވެ.
ޗެޗްނިޔާއަކީ ރަޝިޔާގެ ހުކޫމަތުގެ ދަށުގައިވާ އެހެންނަމަވެސް އިދާރީގޮތުން ވަކި ވެރިކަމެއް ހިނގާ ޖުމްހޫރިއްޔާއެކެވެ. އެ ޖުމްހޫރިއްޔާގައި ރޫސީ ހުކޫމަތަށް އިއުތިރާފު ނުވުމާއި ރޫސީ ހުކޫމަތުގެ ދަށުން ނެއްޓިގަތުމުގެ ހަރަކާތްތަކެއް ފެށުމާއި ގުޅިގެން ރަޝިޔާއިން ގަސްތުކުރީ ސިފައިން ފޮނުވައިގެން ވަކިވެގަތުމުގެ ހަރަކާތް އަވަސްގޮތަކުން ނިންމައިލުމަށެވެ. އެދުވަސްވަރު ރަޝިޔާގެ ރައީސްކަމުގައި ހުންނެވީ ބޮރިސް ޔެލްސިނެވެ. ޗެޗްނިޔާއަށް އަރައިގަތުމާއެކު ރަޝިޔާގެ ދިފާއީ ވަޒީރު ޕަވެލް ގްރަޗެވް އިއުލާން ކުރެއްވިއެވެ. ރޫސީ ސިފައިން ދެއަތް އުރާލައިގެން ތިބެވެސް ތިން ހަތަރު ގަޑިއެއްހާއިރު ތެރޭގައި ޗެޗްނިޔާގެ ހަނގުރާމަވެރިންގެ ކަންތައް ނިންމައިލާނެއެވެ. އެހެންނަމަވެސް ދެން ކަންތައް ފުރޮޅިގެން ބަދަލުވެގެންދިޔައީ ރަޝިޔާ ސަރުކާރުން އުއްމީދުކުރި ގޮތަކަށް ނޫނެވެ.
ޗެޗްނިޔާގެ ހަނގުރާމަވެރިންގެ އަތުގައި އެއަރފޯހެއް ނެތެވެ. ޓޭންކާއި ހައިޕަރސޮނިކް މިސައިލެއްވެސް ނެތެވެ. އަދި އަދަދުގެ ގޮތުން ރޫސީ ލަޝްކަރާއި ކުރިމަތިލެވޭހާ މީހުންނެއްވެސް ނެތެވެ. ރޫސީން ރާވާފައިއޮތީ އެދާގޮތަށްގޮސް ޗެޗްނިޔާގެ ވެރިރަށް ގްރޮޒްނީ ހިފައި ސަރަހައްދީ ސަރުކާރު މުލުން ލުހެލުމަށެވެ. އެ އޮޕަރޭޝަންވެސް ފެށީ ހަމަ މިހާރު ޔުކްރޭނުގައިވެސް އެކަންތައް ފެށިގޮތަށް ފިނި މޫސުމުގައެވެ. ބާރަށް ދުއްވާފައި ގޮސް ގްރޮޒްނީއަށް ވަދެގަންނަން އުޅުނު ލަޝްކަރަށް ހުއްޓުމެއް ގެނައީ ޗެޗްނިޔާގެ ރައްޔިތުންނެވެ. ޗެޗްނިޔާގެ ހަމަ ކޮންމެ މީހަކު ބަދަލުވީ ހަނގުރާމަވެރިއަކަށެވެ. އެމީހުންގެ އަތުގައި ރައިފަލާއި ފިސްތޯލަޔާއި ރޮކެޓާއި އަތުބޮން ހުއްޓެވެ. އެހެންވީމާ ޖެހުނު ކޮންމެ ދިމާއަކުން ރޫސީ ލަޝްކަރަށް ދިޔައީ ހަމަލާދެމުންނެވެ. މިއީ ކުރިން ރޫސީން ލަފާކުރި ކަމެއްވެސް ނޫނެވެ.
ޗެޗްނިޔާއަށް އެރި ރޫސީ ސިފައިންތިބީ ސަހަރެއްގެ ތެރޭގައި ގެރިއްލާ ހަނގުރާމައަކަށް ތައްޔާރުވެގެނެއް ނޫނެވެ. އެހެންވީމާ ހަގީގީ މާނައިގައިވެސް ގްރޮޒްނީ ވެގެންދިޔައީ ރޫސީ ސިފައިންނަށް ގަބުރުސްތާނަކަށެވެ. ޗެޗްނިޔާގެ ހަމަ ކޮންމެ މީހަކުވެސް ވެގެންދިޔައީ ރޫސީ ސިފައިންނަށް ނުރައްކަލަކަށެވެ. ރަހުމަތެރިޔަކީ ކާކުކަން ހަތުރަކީ ކާކުކަން ވަކިކުރަން އެނގެނީއެއް ނޫނެވެ. ހިނިތުންވެގެންހުރެ ސަލާންކޮށްފައި ދެން ޖަހަނީ ބަޑިއެވެ. ފިނި މޫސުންވެސް ހިމެނުނީ ރޫސީންނަށް ކުރިމަތިވި ހުރަހަކަށެވެ. ޗެޗްނިޔާއަށް އަރައިގަތީ ހަނގުރާމަވެރިންގެ ކަންތައް ނިންމާލާފައި އަނެއް ދުވަހު ފޭބުމަށެވެ. އެކަން އެހެންނުވެ ހަނގުރާމަ ދިގުދެމިގެންދިޔައީމާ ދެން ހުރިހާ ބާވަތެއްގެ މައްސަލަތައްވެސް ކުރިމަތިވީއެވެ. އަދާކުރަން ޖެހުނު އަގު ބޮޑުވީއެވެ.
ޗެޗްނިޔާގެ ހަނގުރާމަ ރޫސީން ކާމިޔާބުކުރިއެވެ. އެކަމަކު ލައްކަ ބޮޑު އަގެއް އަދާކޮށްގެން ލައްކަ ގިނަ ދުވަހުންނެވެ. ރޫސީ ސިފައިން ހަމަ މިކަހަލަ ނާކާމިޔާބު އަސްކަރީ އޮޕަރޭޝަނެއް 1979 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 1989 ވަނަ އަހަރުގެ ފެބްރުއަރީއާ ހަމަޔަށް އަފްޣާނިސްތާނުގައި ވެސް ހިންގިއެވެ. އެ ހަނގުރާމައިގައި ރޫސީ ސިފައިންގެ މައްޗަށް އަފްޣާން ހަނގުރާމަވެރިން ކުރި ހޯދީ މާވަރުގަދަ ހަތިޔާރުތަކެއް ހުރެގެން އޭގެ ބާރުގައެއް ނޫނެވެ. ހިތްވަރާއި ކެރުމާއި ނުގުޑާފަދަ އަޒުމަކުންނެވެ. ގައުމެއްގެ އެންމެހައި ރައްޔިތުން އެގައުމެއްގެ ދިފާއުގައި ނުކުތީމާ ދެން ކިތަންމެ ވަރުގަދަ ބާރަކަށްވިޔަސް ޖެހޭނީ މައިދާންދޫކޮށް ދުރަށްދާށެވެ. އެގޮތުން ރޫސީ ސިފައިންވެސް އެންމެފަހުން އަފްޣާނިސްތާނު ދޫކޮށް ދިޔައީއެވެ. ވަރަށް ބޮޑެތި ގެއްލުންތައް ލިބިގެންނެވެ.
ޔުކްރޭނުގައި މިހާރު ކުރިއަށް އެގެންދާ ކަހަލަ ހަނގުރާމައެއް 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އަވަށްޓެރި ޖޯޖިޔާއާ ދެކޮޅަށްވެސް ރޫސީން ވަނީ ކޮށްފައެވެ. އެ ހަނގުރާމައިގައި ޖޯޖިޔާގެ އުތުރުން ދެކުނު އޮސޭޝިއާޔާއި އަބްޚާޒިޔާވެސް ރޫސީން ހިފިއެވެ. އެ ދެ ސަރަހައްދުގައި ބާޣީން އިއުލާންކުރި ސަރުކާރުވެސް ރޫސީވިލާތުން ގަބޫލުކުރިއެވެ. ޖޯޖިޔާގެ ހަނގުރާމަ ދެމިއޮތީ ދެ ހަފުތާއަށެވެ. އެ ހަނގުރާމައިގައި ރޫސީން ބޭނުންވީ ދެކުނު އޮސޭޝިޔާ އާއި އަބްޚާޒިޔާއެވެ. ދާދި ފަސޭހައިން އެކަން ކުރިއެވެ. އެއީ މުޅި ޖޯޖިޔާ ހިފުމުގެ އޮޕަރޭޝަނެއް ނޫނެވެ. ހަމައެގޮތަށް ޔުކްރޭނާއި ދެކޮޅަށްވެސް މީގެ 8 އަހަރު ކުރިން 2014ގައި ރޫސީން ހަނގުރާމައެއް ކުރިއެވެ. އެއީ ކްރައިމިއާޔާއި ޑޮންބާސް ހިފުމުގެ ހަނގުރާމައެކެވެ. ދާދި ފަސޭހައިން އެކަންކުރިއެވެ.
މުޅި ގައުމެއް ހިފާން އުޅުމާއި ގައުމެއްގެ ވަކި ތަންކޮޅެއް ހިފާން އުޅުމަކީ ތަފާތު ދެކަމެކެވެ. އެތަފާތު ކިތަންމެހާވެސް ރަނގަޅަށް ރޫސީން ވަނީ ތަޖުރިބާކޮށްފައެވެ. މިފަހަރު ޔުކްރޭނަށް އެރީ އެތަޖުރިބާތަކުން ފިލާވަޅު ލިބިގެންތިބެ ކަމަށް ގިނަބަޔަކު ހީކުރިއެވެ. ރޭވުންތައް ރޭވުމުގައި އެ ތަޖުރިބާތަކަށް ރިއާޔަތްކުރުން އޮންނާނެ ކަމަށްވެސް ހީކުރިއެވެ. އެހެންނަމަވެސް ފެންނަމުންދާ މަންޒަރުތަކުން ޔަގީން މިކުރެވެނީ ރޫސީން ރިއާޔަތްކުރީ ޖޯޖިޔާގެ ހަނގުރާމަޔާއި ކްރައިމިއާގެ ހަނގުރާމަޔަށް އެކަނިކަމެވެ. އަވަހަށް މޮޅަށް ކުރިލިބުނު ހަނގުރާމަތަކަށް ކަމެވެ. ނާކާމިޔާބުވި ތަންތަނުގައި ނާކާމިޔާބު ވުމަށް މެދުވެރިވި ސަބަބުތަކަށް ރިއާޔަތް ނުކުރެވޭ ކަމެވެ. އެމަގުން ކަންކަންކުރީމާ ދެން މިހާރު ޔުކްރޭނު ބަދަލުވަމުންދާތީ މިފެންނަނީ ދެވަނަ ޗެޗްނިޔާއަކަށެވެ. އަދި އަފްޣާނިސްތާނަކަށްވެސް މެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ