ޗެލްސީ ގަތުމަށް ސައުދީ އަރަބިއްޔާގެ އަމިއްލަ ކުންފުނިތަކެއް އެކުވެގެން ހަދާފައިވާ ސައުދީ މީޑިއާ ގުރޫޕުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ޔޫކްރެއިންއާއި ރަޝިއާ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އިނގިރޭސި ވިލާތުން އަޅުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ޗެލްސީ ވިއްކާލަން އެ ކުލަބުގެ ވެރިޔާ، ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް ވަނީ ނިންމައިފައެވެ. އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިންގެ އަރިސް ވިޔަފާރިވެރިއަކަށް ވުމުގެ ސަބަބުން އޭނާއަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އަޅާފާނެ ކަމުގެ ބިރަށް ޗެލްސީ ވިއްކާލަން އިއުލާން ކުރީ މިދިޔަ ހަފުތާ ތެރޭގައެވެ.
އަބްރަމޮވިޗް ފުރަތަމަ ވިސްނީ ޗެލްސީ ވިއްކާ ނުލައި ކުލަބް ހިންގުމުން އެއް ފަރާތްވެލަން ނަމަވެސް ޕްރެޝަރު ބޮޑުވެ ފަހުން އިއުލާން ކުރީ ކްލަބު ވިއްކާލާނެ ކަމަށެވެ. އަބްރަމޮވިޗް ޗެލްސީއަށް ކިޔާފައިވާ އަގަކީ ތިން ބިލިއަން ޕައުންޑެވެ. ނަމަވެސް އެ އަގު ކުޑަވެދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.
ސައުދީ މީޑިއާގެ ހާއްސަ ކުންފުނިން ޗެލްސީ ގަންނަން ޝައުގުވެރިކަން ފާޅުކޮށް، މިހާރު ވަނީ އެމެރިކާގެ ބޭންކެއް ކަމަށްވާ ރައިނޭ ގްރޫޕާ އެ މަޝްވަރާތައް ކޮށްފައެވެ. ރައިނޭ ގުރޫޕަކީ ޗެލްސީ ވިއްކާލަން އެކަށޭނެ ކުންފުންޏެއް ހޯދަން އަބްރަމޮވިޗް ހަވާލުކޮށްފައިވާ ވަކި ހާއްސަ ބޭންކެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީ ގަތުމަށް އެ ބޭންކަށް 10 ވަރަކަށް ހުށަހެޅުން ވަނީ ލިބިފައެވެ.
ސައުދީ މީޑިއާ ގުރޫޕަކީ މައިގަނޑުކޮށް، އިޝްތިހާރުކުރުމުގެ އިތުރުން މީޑިއާތަކަށް ފަންޑު ހޯދައިދީ، ކުޅިވަރުގެ ބްރޭންޑުތަކަށް ޕީއާރު މަސައްކަތްތައްކޮށް ދޭ ފާމެކެވެ. އެ ކުންފުނީގެ މާކެޓް މައިގަނޑުކޮށް އަމާޒުކޮށްފައިވަނީ ޑުބާއީއާއި ސައުދީ އަރަބިއްޔާގައެވެ.
މީގެ 20 ވަރަކަށް އަހަރު ކުރިން 2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަނެފައިވާ އިރު، އޭގެ ފަހުން އެ ކްލަބު ވެގެން ދިޔައީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބަށެވެ. އޭނާ ޗެލްސީ ގަތް ފަހުން ހޭދަވި 19 އަހަރުގެ ތެރޭގައި އެޓީމުން 21 ތަށި ހޯދާފައިވެއެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ އިތުރުން ދެ ޗެމްޕިއަންސް ލީގު ތައްޓާއި ކްލަބު ވޯލްޑް ކަޕެއްވެސް ހިމެނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު