އެޑްވަޓޯރިއަލް

އެމްޓީސީސީގެ ހުންގާނުގައި ކުންފުނީގެ ފިސާރި ކަނބަލުން

އެމްޓީސީސީގެ ކާމިޔާބު ދަތުރުގެ ވާހަކައަކީ ހަމަގައިމުވެސް ތީގެ ތެރެއިން އެއްވެސް ބޭފުޅަކަށް އައު ވާހަކައަކަށް ނުވާނެއެވެ. ހާއްސަ ގޮތެއްގައި ވޭތުވެދިޔަ ތިން އަހަރުދުވަހު އެމްޓީސީސީން ހޯދި ކުރިއެރުމާއި ކާމިޔާބީއަކީ އަދުގެ ސަރުކާރާ ހަމައިން ފެށިގެން އާންމު ރައްޔިތުންގެ ދޫތަކުންވެސް އިވިވަޑައިގެންފައިވާނެ ވާހަކަތަކެއްކަން ކަށަވަރެވެ. ކުންފުނީގެ މިހާރުގެ ސީއީއޯ އާދަމް އާޒިމްގެ ނަޒަރުގައި ކުންފުނިން ހޯދާފައިވާ ކޮންމެ ކާމިޔާބީއަކީވެސް ކުންފުނީގެ މުވައްޒަފުންގެ ބުރަ އަދި މިންނެތް މަސައްކަތުގެ ނަތީޖާއެވެ. "މުވައްޒަފުންނޭ" އެ ވިދާޅުވަނީ ކުންފުނީގެ ގިނަ ފިރިހެން މުވައްޒަފުންނަށް ނިސްބަތްކޮށް ކަމަށް ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. 1980 ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަކީ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ.

ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާ ހަމައަށް ފެންނަ މޫނުތަކުގެ ތެރޭގައި އަންހެން މުވައްޒަފުން ހިމެނެއެވެ. ހަމައެކަނި އިދާރީ މުވައްޒަފުންގެ ގޮތުގައެއް ނޫނެވެ. ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައިވެސް އަންހެން މުވައްޒަފުން ހަރަކާތްތެރި ވެއެވެ. ޕްރޮޖެކްޓް މެނޭޖަރުންނާއި، ސައިޓް ސުޕަވައިޒަރުންނާއި، ސަރވޭއިން އޮފިސަރުންގެ ގޮތުގައެވެ. ބަސް އެޓެންޑެންޓުންނާއި، ބަސް ޑްރައިވަރުންނާއި އަދި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައެވެ. މިވަގުތު ކުންފުނީގައި 290 އަންހެން މުވައްޒަފުން ވަޒީފާ އަދާކުރައްވަމުން ގެންދަވައެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު، 2019 ވަނަ އަހަރު 36 އަންހެން މުވައްޒަފުން، 2020 ވަނަ އަހަރު 41 އަންހެން މުވައްޒަފުން އަދި 2021 ވަނަ އަހަރު 140 އަންހެން މުވައްޒަފުން ކުންފުނީގެ އެކިއެކި މަގާމުތަކަށް ރެކްރޫޓް ކުރެވިފައިވެއެވެ. އަދި އެގްޒެކެޓިވް މެނޭޖްމަންޓް ލެވެލްގައި ކުންފުނީގެ ވަރަށް ހީވާގީ ހަތަރު ކަނބަލަކު ހަރަކާތްތެރި ވެވަޑައިގަންނަވަމުން އެބަގެންދަވައެވެ. މިއިން ކޮންމެ ކަނބަލަކީވެސް އެގްޒެކެޓިވް ލެވެލްގައި ތިއްބެވި ފިރިހެން ބޭފުޅުންނާއި އެއްހަމައެއްގައި ކުންފުނި ކުރިއެރުވުމުގައި ރެޔާއި ދުވާލު މަސައްކަތް ކުރައްވާ މުވައްޒަފުންނެވެ،

ކުންފުނީގެ ހިދުމަތާ 1996 ވަނަ އަހަރު ގުޅިވަޑައިގެންނެވި ފާތުމާތު ޖަބީން މިހާރު އަދާކުރައްވަމުން ގެންދަވަނީ ހިއުމަން ރިސޯސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ. ވޭތުވެދިޔަ 26 އަހަރު ދުވަހު ޖަބީން ވަނީ ކުންފުނީގެ އެކިއެކި ޑިޕާޓްމެންޓްތަކުގެ ސީނިއާ މެނޭޖަރުގެ މަގާމުވެސް ފުރުއްވާފައިވެއެވެ. ޖަބީން ވިދާޅުވި ގޮތުގައި 1996 ވަނަ އަހަރު ކުންފުންޏާ ގުޅުނުއިރު މެނޭޖީރިއަލް މަގާމުތަކުގައި ތިބި އަންހެނުންގެ އަދަދު މަދެވެ. އަންހެނުންގެ އަދަދު މަދުނަމަވެސް ފާހަގަކުރެވުނީ ކުންފުނި ކުރިއެރުވުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަމެވެ. ސަބަބަކީ މިދެންނެވި މަދު އެހެންނަމަވެސް ކުޅަދާނަ އަންހެން ކަނބަލުންގެ ޝަހުސިއްޔަތުގެ ވަރުގަދަކަމާއި، މަސައްކަތުގެ ދާއިރާގައި ދެއްކެވި ފުރިހަމަ މިސާލުންނެވެ. މި ކަނބަލުންގެ ފަރާތުން ދަސްވި އެންމެ އިބުރަތްތެރި ފިލާވަޅަކީ ކުންފުނީގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަމެވެ.

މިއަދު ކުންފުނީގެ ހިއުމަން ރިސޯސް ޑިވިޝަންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޖަބީނަށް ވަނީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ އިރުޝާދުގެ ދަށުން ކުންފުނީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ލިބުނު ފުރުސަތުގައި އަމަލީގޮތުން މަސައްކަތްކުރުމުގެ ނަސީބު ލިބިވަޑައިގެންފައެވެ. ޖަބީން އެ ވިދާޅުވި ބަސްފުޅަކާ ދެބަހެއް ނުވަމެވެ. ކުންފުނީގެ ލީގަލް އެފެއާޒް ޑިވިޝަންގެ ޖެނެރަލް މެނޭޖަރުގެ މަގާމު މިވަގުތު ފުރުއްވަމުން ގެންދަވާ އަލްއުސްތާޒާ ފާތުމަތު އިނާޝާގެ ފަރާތްޕުޅުން ކުންފުންޏަށް ލިބެމުންދާ އަގުހުރި ހިދުމަތަކީ ކުންފުނި ކުރިއެރުވުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. 1998 ވަނަ އަހަރު ކުންފުންޏާ ގުޅިވަޑައިގެންނެވި އަލްއުސްތާޒާ ފާތުމަތު އިނާޝާ ވަނީ ވޭތުވެދިޔަ 24 އަހަރު ކުންފުނީގެ އެކި މަގާމުތައް ފުރުއްވައިފައެވެ. އަދި މިވަގުތު "ކްލަބް އެމްޓީސީސީ" ގެ ރައީސާއަކީވެސް އިނާޝާއެވެ.

ކުންފުނީގެ މަސައްކަތަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް އަންހެން މާލިމީއެއްގެ ފަރާތުން ޓްރޭންވުމަށް ފުރުސަތު ލިބިވައިގެންނެވި އިނާޝާ ވިދާޅުވާގޮތުގައި، ވަޒީފާގެ މައިދާނުގައި ލިބިވަޑައިގެންނެވި ހުރިހާ ކުރިއެރުމަކީވެސް އެމްޓީސީސީން ފަހިކޮށްދެއްވި ފުރުސަތުތަކުން ލިބިވަޑައިގެންނެވި ކުރިއެރުންތަކެކެވެ. އިނާޝާ ވިދާޅުވާގޮތުގައި އެމްޓީސީސީއަކީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭ ކުންފުންޏެކެވެ. ކުންފުނީގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމު މިވަގުތު ފުރުއްވަމުން ގެންދަވާ މަރިޔަމް ޝާމިހާ މިކަމާ އެއްބަސްވެވަޑައިގަންނަވައެވެ. ޝާމިހާ ވިދާޅުވާގޮތުގައި ކުންފުނީގައި 25 އަހަރާ ގާތަށް މަސައްކަތް ކުރެވިފައިވާ އިރު، އަންހެނަކަށް ވީތީ ކުރިއަށް ނުދެވިދާނެ ކަމުގެ އިހުސާސެއް ދުވަހަކުވެސް ނުކުރެވޭ ކަމަށާއި، ހުނަރާއި ފެންވަރު ދައްކައިދޭނެ ފުރުސަތުތައް ލިބިފައިވާ ކަމަށެވެ. ޝާމިހާ ވިދާޅުވާގޮތުގައި، އެންމެ މުހިންމީ އަންހެނަކަށް ވިޔަސް ފަސްނުޖެހި ވަރުގަދަ އަޒުމަކާއެކު ކަންކަމާ ކުރިމަތިލުމެވެ.

އެމްޓީސީސީއަކީ ހަމަގައިމުވެސް ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރިއަށްދެވޭނެ މާހައުލެއް ގާއިމުވެފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި އެބޭފުޅާގެ ޓީމު އެ އަމާޒަށް ކުންފުނީގެ މިސްރާބު ގެންދިއުމަށް ބާރު އަޅުއްވައެވެ. ކޮމްޕެނީ ސެކްރެޓަރީ އައިމިނަތު ޝިއުނާ އަހުމަދު ސައީދު ކުންފުންޏާ ގުޅިވަޑައިގަތުމާއެކު އިހުސާސްވީ ވަޒީފާގެ ގޮތުން ރޭގަނޑެއް، ހުކުރެއް ޗުއްޓީއެއް ނޯންނާނެކަމެވެ. ނަމަވެސް ޝިއުނާގެ އާއިލާގެ ކަންކަން ބަލަހައްޓަމުން ބުރަ ވަޒީފާއެއް އަދާކުރާ އިރު، ހާލަތުގެ މައްޗަށް ގަދަވާން ލީޑަރުންގެ ފަރާތުން ހިތްވަރު ލިބިވަޑައިގެންނެވި ކަމަށް ޝިއުނާ ވިދާޅުވެއެވެ. ޝިއުނާގެ ހުރިހާވެސް ޝުކުރެއް ރައްދުވަނީ އެމްޓީސީސީގައި އޮންނަ ދުޅަހެޔޮ ވަޒީފާގެ މާހައުލަށާއި ޓީމް އެމްޓީސީސީގެ ފަރާތުން ލިބޭ ހިތްވަރާއި އެއްބާރުލުމަށެވެ.

ތެދުފުޅެކެވެ. ކޮންމެ ކަނބަލަކީވެސް އާއިލާއެއް ބަލަހައްޓަމުން ވަޒީފާގެ ކަންކަން ބަލަހައްޓަމުން ހިދުމަތް ކުރައްވާ ކަނބަލެކެވެ. "ވޯރކް-ލައިފް ބެލެންސް" ނުވަތަ ވަޒީފާއާއި ޒާތީ ދިރިއުޅުމުގެ ހަމަހަމަކަމަކީ މިއަދު ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ކަނބަލުން އެންމެ އިސްކަން ދެއްވާ އެއްކަންތަކެވެ. ގިނަ ފަހަރަށް ވަޒީފާތަކުން އަންހެން ބޭފުޅުން ކެނޑެނީވެސް މިދެންނެވި ކަންކަން ހަމަހަމަ ނުކުރެވި އާއިލާއަށް ދޭންވާ ސަމާލުކަން ނުދެވި ވަޒީފާވެސް ރަނގަޅަށް އަދާކުރަން އުނދަގޫ ވެގެންނެވެ. ނަމަވެސް އެމްޓީސީސީގެ ޓްރެކް ރިކޯޑް ތަފާތެވެ. އެމްޓީސީސީއަކީ ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ އަންހެން ބޭފުޅުން ގިނަ ކުންފުންޏެކެވެ. ކުންފުނީގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ 20 ކަނބަލަކު މިހާރުވެސް ހިދުމަތުގައި އެބަތިއްބެވިއެވެ. ލީގަލް އެފެއާޒް ޑިވިޝަންގެ އެޑްމިނިސްޓްރޭޝަން މެނޭޖަރެއްގެ މަޤާމުގައި ހުންނެވި ޝިމްލާ ޝާކިރަކީ ކުންފުނީގައި 22 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޝިމްލާ ވިދާޅުވާގޮތުގައި، ރައްޔިތުންގެ ކުންފުނި އެމްޓީސީސީން ހިންގާ ކޮންމެ މަޝްރޫއެއްވެސް ކާމިޔާބުކަމާއެކު ނިންމާލެވެނީ އަންހެން މުވައްޒަފުންގެ ޝާމިލުވުންވެސް އޮވެގެންނެވެ. ޝިމްލާ އެ ވިދާޅުވި ބަސްފުޅަށް 28 އަހަރު ދުވަހު ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ ފަޒްނާ މުހައްމަދާއި 22 އަހަރު ދުވަހު ކުންފުޏަށް ހިދުމަތް ކުރައްވާފައިވާ އައިމިނަތު ރަޝީދާ އެއްބަސްވެވަޑައިގަންނަވައެވެ. މި ކަނބަލުން މާދަމާގެ ޖީލަށް ދޭ ނަސޭހަތަކީ ހާއްސަކޮށް އަންހެން ކުދިންނަށް ބުނެލަން އޮތީ ވަޒީފާގެ މުހިންމުކަން ދަނެ ހިތްވަރާއެކު ގަދައަޅާ މަސައްކަތްކުރާ ކޮންމެ ކުއްޖަކަށްވެސް ކާމިޔާބީ ވަނީ އެންމެ ގާތުގައި ކަމެވެ.

ކުންފުނިން ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ދާގޮތް ބަލައި ކާމިޔާބުކަމާއެކު މަޝްރޫއުތައް ނިންމައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނެވެ. އެ ޑިވިޝަންގައި މަސައްކަތް ކުރައްވާ އަންހެން މުވައްޒަފުންގެ ވާހަކަ މިއަދު ކުންފުނީގެ ވެރިން ދައްކަވަނީ ފަހުރުވެރިކަމާއި ޝުކުރުވެރިކަމާއެކުއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއްފަހަރާ އެތައް މަޝްރޫއެއް ގާބިލުކަމާއެކު ކުރިއަށް ގެންދިއުމަށް އެމްޓީސީސީގެ ހުންގާނުގައި ތިއްބެވީ ފިސާރި ކަނބަލުންނެވެ. ޕްރޮޖެކްޓް މެނޭޖަރު ފާތުމަތު ރިފާއުއާއި އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރު އައިމިނަތު ރުފާއެވެ. ސަރވޭއިން އޮފިސަރު އަރީން އަލީ ޝަރީފާއި އެންވަޔަރަންމަންޓަލް އިންޖިނިއަރު އައިމިނަތު ހަނާން ޝަފީގެވެ. އަދި އެސިސްޓެންޓް އާރކިޓެކްޓް މަރިޔަމް ޒުނާނަތްގެ އިތުރުން ޓެކްނިކަލް މަގާމުތައް ފުރުއްވަމުން ގެންދަވާ ކަނބަލުންނެވެ. މިއިން ކޮންމެ ކަނބަލަކުވެސް އެމްޓީސީސީން އެބޭފުޅުންނަށް ހޯއްދަވައިދެއްވާ ސްކޯލާޝިޕް އަދި ޓްރޭނިން ފުރުސަތުތައް ފާހަގަކުރައްވަނީ ޝުކުރުވެރިކަމާއެކުއެވެ. މިގޮތުން، އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ސީއީއޯ އާދަމް އާޒިމް ވަނީ ހަތަރު އަންހެން މުވައްޒަފަކަށް ކުންފުނީގެ ހަރަދުގައި ސްކޯލާޝިޕް ފުރުސަތު އެވޯޑުކޮށްދެއްވައިފައެވެ. ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގައި މަސައްކަތް ކުރައްވާ އަންހެން މުވައްޒަފުން އެމްޓީސީސީ ސިފަކުރައްވަނީ ޓެކްނިކަލް މަގާމުތަކަށް އަންހެނުން ރެކްރޫޓްކޮށް ޓެކްނިކަލް ރޮނގުތަކުން އަންހެނުން ކުރިއަށްދިއުމަށް ބާރުއަޅާ ކުންފުންޏެއްގެ ގޮތުގައެވެ.

އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ބާރުއަޅާ ސީއީއޯ އާދަމް އާޒިމްއާއި އެބޭފުޅާގެ ޓީމަށް މިއަހަރަކީ ފަހުރުވެރި ކާމިޔާބީއެއް އެ ރޮނގުން ހާސިލުކުރެވުނު އަހަރެކެވެ. ސެކިޔުރިޓީ އޮފިސަރުންގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަ ހުރިހާ މުވައްޒަފުން ދިވެހި މުވައްޒަފުންނަށް ބަދަލުކުރެވުމުގެ އިތުރުން ހަތަރު އަންހެން ކަނބަލުން މި ވަޒީފާ މިވަގުތު ފުރުއްވުމުން ދިޔުމަކީ ކުންފުންޏެއްގެ ނަޒަރުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. ރާއްޖޭގެ ފުރަތަމަ އަންހެން އާންމު ބަސް ޑްރައިވަރު ސައުސަން މުހައްމަދު ޓްރޭނިން ފުރިހަމަ ކުރައްވައި ހިދުމަތާ ގުޅިވަޑައިގަތީ މިއަހަރު ތެރޭގައެވެ. ސައުސަން ވިދާޅުވި ގޮތުގައި އަންހެނަކު އެ މަސައްކަތް ކުރާތީ، އާއިލާ އަދި ރަހުމަތްތެރިންގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑަށް މިކަމަށް ހިތްވަރު ލިބިފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުންވެސް ހިތްވަރުގެ ބަސްތައް ލިބިފައިވާ ކަމަށް ސައުސަން އުފަލާއެކު ފާހަގަކުރެއްވިއެވެ. ވަކި މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އަންހެނުންވެސް އެ މަސައްކަތްތަކަށް ނެރުމަކީ ސީއީއޯ އާދަމް އާޒިމް ގެންގުޅުއްވާ ސިޔާސަތެވެ.

"ގައުމެއް ހަމައެކަނި ފިރިހެން ބޭފުޅުންގެ މަސައްކަތުން ކުރިއަށް ނުގެންދެވޭނެ. ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު ފެންނަ ހެއްކަކީ ގައުމެއް ބިނާކޮށް ކުރިއެރުވޭނީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް ވަޒީފާގެ މާހައުލަށް ނުކުމެ މަސައްކަތް ކުރީމަކަން. އެއިރުން ގައުމު ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ވަރަށް ރަނގަޅު 'ސިނާޖީ' އެއް އެބަ ކްރިއޭޓް ކުރެވޭ" ލަންދޫ ބަނދަރު ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ އަމާޒަކީ ސައުސަން ފަދަ އެތައް ކަނބަލުންނެއް އެމްޓީސީސީގެ ވަޒީފާތަކުން ކުރިއަށް އޮތް ތަނުގައި ފެނިގެން ދިއުމެވެ. ވެލްޑަރުންނާއި، ކާޕެންޓަރުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، ލޯންޗް އޮޕަރޭޓަރުންނާއި، ފަޅުވެރިންގެ ވަޒީފާތަކުން ކުރިއަށްއޮތް ދުވަސްތަކުގައި އަންހެން ކަނބަލުން ފެނިގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. މިފަދަ ލިޔުމެއްގައި އެމްޓީސީސީ ފަދަ ބޮޑު ކުންފުންޏެއްގެ ހުރިހާ ކަނބަލުންގެ ވާހަކަ އެއްފަހަރާ ގެނެސްދިނުމަކީ ވަރަށްވެސް ދަތިކަމެކެވެ. ވީމާ، ލިޔުމުގައި ނެތްނަމަވެސް އެމްޓީސީސީގެ ކާމިޔާބީގައި އެކިއެކި ދާއިރާތަކުން ހިދުމަތްކޮށްދީފައިވާ ހުރިހާ ކަނބަލުން ޝާމިލުވާނެހެން ކުންފުނީގެ ސީއީއޯ އާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށްވެސް ހާއްސަ ޝުކުރެއް ރައްދުކުރެއެވެ. ރައްޔިތުންގެ ކުންފުނީގެ ހިދުމަތުގައި ރައްޔިތުންގެ އަންހެން ދަރިން ތިބުމަކީ ޓީމް އެމްޓީސީސީއަށް ލިބޭ އަގުނުކުރެވޭނެ ބޮޑު އުފަލަކާއި ފަހުރެކެވެ.