އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އޭނާގެ ރިޔާސީ ކެމްޕޭނު އަލުން ފަށަން ނިންމައިފިއެވެ.

އުމަރު އޭނާގެ ރިޔާސީ ކެމްޕޭނު 90 ދުވަހަށް ހުއްޓާލީ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ފޮނުވުމުންނެވެ.

އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށްފަހު އޭނާ ޖަލަށްލާން ޖެހޭނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މެމްބަރު އެގޮތަށް ވިދާޅުވިތާ ދުވަސްކޮޅެއް ފަހުން އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު މަޖިލިސް މެމްބަރުން ދޭން ފެށުމުން އޭސީސީން އޭނާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ.

އުމަރު ވިދާޅުވީ އޭސީސީން އޭނާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން 90 ދުވަހަށް އޭނާގެ ރިޔާސީ ކެމްޕޭން މަޑުޖައްސާލުމަށްފަހު ކުށް ސާބިތުކުރުމަށް ތިން މަސް ދުވަސް ދައުލަތަށް އެރުވި ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް ކުށް ސާބިތުކޮށްދެވިފައި ނުވުމުން އަލުން ރިޔާސީ އިންތިހާބުގެ ކެމްޕޭނު މިއަދު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން ދައުލަތަށް އިހުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް އަޅުގަޑުގެ ރިޔާސީ ކެމްޕޭން މެދުކަޑާލާ، ކުށް ސާބިތުކުރުމަށް ތިން މަސް ދުވަސް ދައުލަތަށް އެރުވިން. މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތު ކޮށެއް ނުދެވުނު، އެހެން ކަމުން މިއަދުން ފެށިގެން އަޅުގަނޑުގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފިން. އެމްއެމްޕީއާރުސީ އާއި މިނިވަން 50އާ އަޅުގަނޑުގެ ވަޒީރު ކަމުގައި ހަވާލުވެ ހުރި ހަތް އިދާރާ ހަތް އަހަރުވަންދެން ހާވާ ބަލައިގެން ސާބިތުވީ ހުދު ވަލުގެ ހުދު ކަމެވެ،" އުމަރު ވިދާޅުވިއެވެ.

އޭސީސީން އުމަރުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކޮށްދިނުމަށް އެދުނީ، 2015 ވަނަ އަހަރު ތެރޭގައި ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޖެނެރަލް ޝަފީއު އަހުމަދު މިރޭ "ވަން" އަށް ވިދާޅުވީ، އުމަރުގެ މައްސަލައިގައި ބައެއް ކަންކަން އިސްލާހުކުރަން ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި އޭސީސީއަށް މަޝްވަރާ އަރުވާފައިވާ ކަމަށެވެ. އެގޮތަށް އޭސީސީއަށް އަންގާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައި ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.