ފިޝަރީޒް މިނިސްޓްރީގެ ނައިބަކަށް އިތުރު ބޭފުޅަކު އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަމުގެ މަގާމަށް އަހުމަދު ފާތިހް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ފާތިހު ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވައިފައެވެ.

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ފާތިހް ވަނީ އެއާޕޯޓްގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރުއްވައިފައެވެ.

ފާތިހުގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ނައިބުންގެ ގޮތުގައި ތިއްބަވަނީ އަލީ މާޖިދާއި ހަސަން ނާޝިދެވެ.

ފިޝަރީޒްގެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި މިހާރު ވެސް ފަސް ބޭފުޅަކު ތިއްބަވައެވެ. އެއީ ދެ ސްޓޭޓް މިނިސްޓަރުންނާއި ތިން ޑައިރެކްޓާ ޖެނެރަލުންގެ އިތުރުން ޕާމަނެންޓް ސެކްރެޓަރީއެވެ.