ޔުކްރޭނުގެ އިރުދެކުނު ސަރަހައްދެއްގައި ހުންނަ ޒަޕޮރީޒިއާ ނިއުކުލިއާ އިންޖީނުގެ މިދިޔަ ހުކުރު ދުވަހު ރޫސީ ސިފައިން ވަނީ ހިފައިފައެވެ. މިތަން ހިފުމަށް ކުރެވުނު ހަނގުރާމައިގެ ތެރޭގައި މިތާގެ ހަ ރިއެކްޓަރުގެ ތެރެއިން އެއް ރިއެކްޓަރުގެ ބޭރުގައި ހުންނަ އިމާރާތެއްގައި އަލިފާން ރޯވިއެވެ. އަލިފާންގަނޑު ފަހުން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެއްވެސް މިންވަރަކަށް ރޭޑިއޭޝަން ބޭރުވެފައެއް ނެތެވެ. މިއީ މުޅި ޔޫރަޕުގައިވެސް ހުންނަ އެންމެ ބޮޑު ނިއުކުލިއަރ އިންޖީނުގެއެވެ. ޒަޕޮރީޒިއާ ނިއުކުލިއަރ އިންޖީނުގެ ހިފުމުގެ ބަރާބަރު އެއް ހަފުތާކުރިން ރޫސީ ސިފައިން ވަނީ ޔުކްރޭނުގެ އުތުރުގައި ހުންނަ ޗެނަބީލް ނިއުކުލިއަރ އިންޖީނުގެ ވެސް ހިފައިފައެވެ. އެތަނުގެ ވަށައިގެން ހިނގި ހަނގުރާމައިގެ ސަބަބުން ރޭޑިއޭޝަނުގެ އަސަރު ކޮންމެވެސް ވަރަކަށް ފެތުރުނެވެ.
ޔުކްރޭނާ ދެކޮޅަށް ރޫސީން މިހާރު ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުގެ ތެރެއިން ޔުކްރޭނުގެ ނިއުކުލިއަރ މަރުކަޒުތައް ހިފުމުގެ މަގްސަދަކީ ކޮބައިބާވައެވެ. މި ސުވާލަށް ރަޝިޔާގެ ޚާރިޖީވަޒީރު ލަވަރޯފް ވަނީ ނިމިގެން ދިޔަ ހަފުތާގައި ޖަވާބު ދެއްވައިފައެވެ. އަލްޖަޒީރާ ޓީވީއަށް ދެއްވި އިންޓަރވިޔުއެއްގައި ލަވަރޯފް ވިދާޅުވީ ޔުކްރޭނަކީ ނިއުކުލިއަރ ހަކަތަ އުފައްދާ ގައުމަކަށްވެފައި ވަރަށް އަވަހަށް ވަރަށް ފަސޭހައިން ނިއުކުލިއަރ ހަތިޔާރުވެސް އުފެއްދިދާނޭ ކަމުގައެވެ. އެއީ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް މިދަނޑިވަޅުގައި ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލަކަށްވާތީ ޔުކްރޭނުގެ ނިއުކުލިއަރ ގާބިލްކަން ކަނޑުވައިލުމަކީ ރަޝިޔާގެ އެއްބޭނުން ކަމުގައެވެ. ލަވަރޯފް މިހެން ވިދާޅުވިޔަސް ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ އަމަލުތައް ސިފަކުރަމުންދަނީ ނިއުކުލިއަރ ޓެރަރިޒަމެއްގެ ގޮތުގައެވެ.
އެންމެ ރަނގަޅެވެ. އެއީ ނިއުކުލިއަރ ޓެރަރިޒަމެވެ. އެހެންކަމަށްވަނީވިއްޔާ 1981 ވަނަ އަހަރުގެ ޖޫންމަހުގެ ހަތްވަނަ ދުވަހު އެމެރިކާޔާއި އިޒްރޭލުން އިރާގުގެ ވެރިރަށް ބަޣުދާދުގެ ރަށްބޭރުގައި ހުރި ނިއުކުލިއަރ އިންޖީނުގެޔަށް ބޮންއަޅައި އެތަން ފުނޑުފުނޑުކޮށްލުން ފެތެނީ ކޮން ގިންތިޔަކަށްބާވައެވެ. އެވެސް ނިއުކުލިއަރ އިންޖީނުގެއެކެވެ. މިވެސް ނިއުކުލިއަރ އިންޖީނުގެއެކެވެ. ތަފާތެއް ހުރިއްޔާ އެތަފާތަކީ ހުޅަނގުގެ ވިސްނުމުގައި ހުރި ތަފާތެކެވެ. އިރާގުގެ ނިއުކުލިއަރ ރިއެކްޓަރަށް ދިން ވައިގެ ހަމަލާ ނިއުކުލިއަރ ޓެރަރިޒަމަކަށެއް ނުވިއެވެ. އެއީ ދުނިޔޭގެ ސުލްހަޔާއި އަމާންކަމަށްޓަކައި ކުރެވުނު ކަމެކޭ ބުނެ ނިންމައިލީއެވެ. އެކަން ޖަރީމާއަކަށްވެސް ނުވިއެވެ. އެކަން ކުށްވެރިކުރި ބަޔަކުވެސް ނެތެވެ. އެކަމަކު ޔުކްރޭނުގެ ނިއުކުލިއަރ ރިއެކްޓަރުގެ މައްސަލަ މިވީ ޖަރީމާއަކަށެވެ.
ހުސްވި 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އީރާނުގެ ނަތާންޒް ނިއުކުލިއަރ އިންޖީނުގޭގެ ތެރޭގައި އެމެރިކާޔާއި އިޒްރޭލުން ހިންގި ވަރުގަދަ ގޮއްވައިލުމަކީ ނިއުކުލިއަރ ޓެރަރިޒަމަކަށް ނުވާނޭ ބާވައެވެ. މިއީ އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކާއި ދެކޮޅަށް އެމެރިކާޔާއި އިޒްރޭލުން ހިންގި މިފަދަ ފުރަތަމަ އަމަލެއް ނޫނެވެ. މިޒާތުގެ ކިތަންމެ ކިތަންމެ ކަމެއް ހިންގައިފިއެވެ. ބޭނުމަކީ އީރާނުގެ ނިއުކުލިއަރ މަޝްރޫއު ހުއްޓުވުމެވެ. އީރާނުގެ މި މަޝްރޫއަކީވެސް ހަކަތަ އުފެއްދުމާއި ގުޅިފައިވާ ސުލްހަވެރި މަޝްރޫއެކެވެ. މި މަޝްރޫއަށް ނިމުން ގެނައުމަށް އެމެރިކާ ބައިވެރިވެގެން ހިންގާ އަމަލުތައް ނިއުކުލިއަރ ޓެރަރިޒަމުގެ ގިންތިއަށް ނުފެތޭނޭބާވައެވެ. ނުފެތެންޏާ ދެން އެއީ ވަރަށް އަޖައިބު ކަމެކެވެ. މިކަން ޓެރަރިޒަމަކަށް ނުވަންޏާ ރޫސީންގެ އަމަލުވެސް ޓެރަރިޒަމަކަށެއް ނުހެދޭނެއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނު ގާތްގަޑަކަށް މުޅިން ބަލިވެ އިނދަޖެހިފައިވަނިކޮށް ބޭނުންވެސް ނުވާ ދަނޑިވަޅެއްގައި ޖަޕާނުގެ ހިރޮޝީމާއަށް 6 އޮގަސްޓް 1945ގައި އެމެރިކާއިން ވައްޓާލި އެޓަމިކް ބޮން، ނިއުކުލިއަރ ޓެރަރިޒަމަކަށް ނުވޭބާވައެވެ. ޖަޕާނު އޮތީ ބަލިވެފައެވެ. މިފަދަ ހަމަލާއެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މިވަރަކުން އަދި ނުނިމެއެވެ. އޭގެ ތިން ދުވަސް ފަހުން ޖަޕާނުގެ ނަގަސާކީއަށް ހަމައެކަހަލަ ބޮމެއް އެމެރިކާއިން ވައްޓައިލިއެވެ. އެހާދިސާ ނިއުކުލިއަރ ޓެރަރިޒަމަކަށެއް ނުވާނޭ ބާވައެވެ. ނޫނެކެވެ. އެއީވެސް ނިއުކުލިއަރ ހަތިޔާރުން މުޅި ދުނިޔެއަށް ބިރުދެއްކި ދެއްކުމެކެވެ. އެހެންކަމެއް ނޫނެވެ. އެހެންވީމާ އެކަންވެސް ފެތެންޖެހޭނެ ކަމަށް ފެންނަނީ ނިއުކުލިއަރ ޓެރަރިޒަމުގެ ގިންތިއަށެވެ.
ކަންކަން މިބީދައިން ކުރީމާ މީހުން އެވާހަކަ ދައްކާނެއެވެ. އެއީ ކޮންމެހެން ވަކި ބަޔަކު ދިފާއުކޮށްފައި ވަކި ބަޔަކު ކުށްވެރިކުރުމަށްޓަކައި ދައްކާ ވާހަކަތަކެއް ނޫނެވެ. އިންސާފުގެ ކަންކަން ހުންނަ ނުހުންނަގޮތާއިމެދު ވިސްނައިލީމާ ހިތުތެރޭގައި އުދާސްތަކެއް އުފެދިގެން ދެއްކޭ ވާހަކަޔަކީއެވެ. ހުސްވި 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި އުދުވާނުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީވާކަން ފާޅުކުރި އިނގިރޭސި ލީގުގެ ބައެއް ކުޅުންތެރިންނަށް އިންޒާރުދީ އަދަބުދިން ހަނދާން ގިނަބަޔަކު ހުންނާނެއެވެ. ސިޔާސީ ކަންކަމާއި ކުޅިވަރު ގުޅުވަން އުޅުނީޔޯލައެވެ. މިހާރު އެކުރަނީ ކޮންކަމެއް ބާވައެވެ. ޔުކްރޭނު ދިފާއުކޮށްފައި ރޫސީން ކުށްވެރިކުރުމަށް ފީފާޔާއި ޔުއޭފާއާއި އެކިއެކި ލީގުތަކުން އެކުރަނީ ކޮންކަމެއް ބާވައެވެ؟