ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަން ފޫޓިންގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލައިފިއެވެ.
އެމްޓީސީސީން މީގެ ކުރިން ވަނީ ތިނަދޫ ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ލެވެލް ކުރުމާއި ސާވޭ ކުރުމުގެ މަސައްކަތް ވެސް ނިންމާލައިފައެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަން ފޫޓިންގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
ޖުމުލަ 17.86 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 4500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 3000 އަކަ މީޓަރުގެ ސަރަހައްދެއްގައި ރީއިންފޯސް ކޮންކްރީޓް އެޅުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި، ގާޑްހައުސް، ވެއާހައުސް، އަދި ވޯކްޝޮޕް އިމާރާތް އެޅުން ހިމެނެއެވެ. އަދިި ނަރުދަމާ ނެޓްވޯކެއް ގާއިމުކުރުމުގެ އިތުރުން ފެންޑަރާއި، ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.