ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ހ. ހިކިފިނިފެންމާ/ އުމަރު އަބްދުއްރައްޒާގު އައްޔަންކުރެއްވުމަށާއި ޖަޕާނަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ގ.ފިޔާތޮށި/ ހަސަން ސާބިރު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ރުހުން ދީފިއެވެ.
އެ މަގާމުތަކަށް އެ ބޭފުޅުން އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލިސް ތަޅުމަށް ވަނީ އެކަމާބެހޭ ރިޕޯޓު ފޮނުވައިފައެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ، އުމަރު އަބްދުއްރައްޒާގާއި ސާބިރަކީ އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް އެކަށީގެންވާ ބޭފުޅުން ކަމަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.
އެ ދެބޭފުޅުންގެ ތެރެއިން އުމަރު އަބްދުއްރައްޒާގު މިހާތަނަށް ހުންނެވީ ރާއްޖޭން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ. ސާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ.
އުމަރު އަބްދުއްރައްޒާގަކީ އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ސާބިރަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު ވޭލްސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު