ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މިއީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ފަޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ސަރުކާރުން ބުނެފައިވާ ގޮތުން، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމެވެ. އަދި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާއި ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ޗުއްޓީގެ ގޮތުގައި އަންހެން ފަނޑިޔާރުންނަށް ލިބިދެވޭނީ ހަ މަސް ދުވަހުގެ ޗުއްޓީ ކަމަށާއި ފިރިހެން ފަނޑިޔާރުންނަށް ލިބިދެވޭނީ އެއް މަސް ދުވަހުގެ ޗުއްޓީ ކަމަަށްވެސް ބުނެފައިވެއެވެ. އެ ޗުއްޓީތަކަކީ މުސާރަ ލިބޭ ގޮތަށް ދެވޭ ޗުއްޓީތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެ ޗުއްޓީގެ އިތުރުން މާބަނޑުވުމާއި ގުޅިގެން ނުވަތަ ވިހެއުމާއި ގުޅިގެން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާ އިރު، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ހައްގުވެފައިވާ ފަނޑިޔާރަކުވާ ނަމަ، އެ ފަނޑިޔާރަކަށް ޗުއްޓީ ދިނުމުގައި އަމަލު ކުރާނީ އެ ގާނޫނުގައި ކަނޑައަޅާ އުސޫލުގެ ދަށުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު