ސްޕެނިޝް ލަލީގާގައި މިރޭ އެލެޗޭ ކައިރީގައި ފަހަތުން އަރައި 2-1 އިން މޮޅުވެ، ބާސެލޯނާއިން އެޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
މިދިޔަ އަހަރު ޑިސެންބަރު ހަތަރެއްގައި ރެއާލް ބެޓިސް އަތުން ބަލިވި ފަހުން ބާސާ އަދި ލީގުގައި ބަލިވެފައި ނުވާ އިރު، މިރޭގެ މެޗުން މޮޅުވެ، އެޓީމު ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ބާސާއިން މިހާތަނަށް ކުޅުނު 26 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފައި އޮތް އިރު، އެޓީމަށް ލިބިފައި ވަނީ 48 ޕޮއިންޓެވެ. ދެވަނައިގައި އޮތް ސެވިއްޔާ އާއި އެއްވަނައިގައި އޮތް ރެއާލްއިން 27 މެޗު ކުޅެފައިވާ އިރު، ރެއާލް އެއްވަނައިގައި އޮތީ 63 ޕޮއިންޓާއެކުގައެވެ. ސެވިއްޔާއަށް 27 މެޗުން ލިބިފައި ވަނީ 55 ޕޮއިންޓެވެ.
މިރޭގެ މެޗުގައި އެލްޗޭއިން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގައިފައެވެ. އެލްޗޭއަށް ލީޑު ނަގައިދިނީ ފިޑެލް ޗާވޭސްއެވެ. ފިޑެލް އެ ގޯލު ޖެހީ ބާސާގެ ސްޕެއިން މިޑްފީލްޑަރު ޕެޑްރީ އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވިއެވެ. އުސްމާން ޑެމްބޭލޭގެ ނުރައްކާ އަރިމަތިން ފާހަގަވެގެން ދިޔަ އިރު، އޭނާގެ ހުރަހެއް ޕިއޭ އެމްރިކް އަބަމަޔާންއަށް ހުސްކޮށް ޖަހަން ލިބި ބޭކާރުވިއެވެ. އޭގެ އިތުރުން ފްރޭންކީ ޑި ޔޯންގަށް ހުސްކޮށް ލިބުނު ހަމަލާގައި ފޮނުވާލި ބޯޅަ މަތަކުރީ އެލްޗޭގެ ގޯލްކީޕަރެވެ.
މެޗުގެ ދެވަނަ ހާފަށް ފެރަން ޓޮރެސް ކުޅެން ނުކުމެފައިވާ އިރު، އޭނާގެ ފަރާތުން ފުރަތަމަ މިނެޓުގައިވެސް ނުރައްކާތެރި ހަމަލާއެއް ފެނުނެވެ. ފުލުފުލުގައި ފޮނުވާލި ދެ ހަމަލާއެއް އެލްޗޭގެ ގޯލްކީޕަރު މަތަކުރި އިރު، މެޗުގެ 60 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތުގައި ޓޮރެސް ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
މެޗުގެ ފަހު 10 ވަރަކަށް މިނެޓަށް ކުޅެން ނުކުތް މެމްފިސް ޑިޕޭ ޖެހި ގޯލަކީ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން އެލްޗޭގެ ޑިފެންޑަރު އެންޓޯނިއޯ ބަރަގަން އަތުގައި ބޯޅައިން ޖެހުމުންނެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ