ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދަމާސް ކުންފުންޏާ ހަވާލުކޮށްފިއެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ދަމާސްއާ ހަވާލުކުރި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ. އަދި ދަމާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސޯލިހެވެ.

ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް އަޅަން އެޗްޑީސީން ނިންމީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެއަށް އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންގެ އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށެވެ.

އެ ޕާކިން ބިލްޑިން އެޅުމަށް ނިންމާފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލާ ދިމާލުން ހުންނަ އޯޝަން ފްރޮންޓުގެ ފަހަތުގައެވެ. ޕާކިން ބިލްޑިންގެ ބޮޑުމިނުގައި 36،155.97 އަކަފޫޓު ހުންނައިރު އެ ބިލްޑިންގައި ސައިކަލް، ކާރު އަދި ޕިކަޕުވެސް ޕާކު ކުރެވޭނެއެވެ.

ހުޅުމާލޭގައި މިހާރު ވެސް މެކޭނިކަލް ޕާކިން ބިލްޑިންތަކެއް ހުރި ނަމަވެސް އެތަންތަން ބޭނުން ނުކުރުމުގެ ސަބަބުން މިހާރު ވަނީ ދަބަރު ޖަހައި ވަރަށް ބޮޑަށް ހަލާކުވެފައެވެ.