ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް އިޖުތިމާއީ ކަންތައްތައް ފަސޭހަކޮށްދިނުމަށްޓަކައި ހިޔާ ކޮމާޝަލް ޔުނިޓުތަކުގައި ކެފޭ/ރެސްޓޯރަންޓް އަދި އެހެނިހެން ހިދުމަތްތައް ގާއިމުކުރަން ފަސް ފަރާތަކާއެކު ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ސޮއިކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގައި ކެފޭ ހިންގުމަށް ވައިޓް ވުޑް އިންވެސްޓުމެންޓް އާއި ގްރީންލައިފްއާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި ޕާމަސީއެއް ހިންގަން އޭޑީ ފާމަސޫޓިކަލްސްއަށް ހުއްދަދީފައިވާއިރު އޮސްޓްރާވާ ޕްރައިވެޓް ލިމިޓެޑްއަށް ވަނީ ހެދުން ވިއްކާ ފިހާރައެއް ހިންގުމަށް ހުއްދަދީފައެވެ.

މީގެ އިިތުރުން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި ސެލޫނަކާއި ސްޕާގެ ހިދުމަތް ފޯރުކޮށް ދިނުމަށް އެމްއެމްއާރްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ހިޔާ ފްލެޓުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެން ފެށިއިރުވެސް އެ ތަނުގައި ރައްޔިތުންނަށް ބޭނުންވާ ބައެއް އަސާސީ ހިދުމަތްތައް އަދިވެސް ހުރީ ގާއިމުނުވެއެވެ. އެ މަސައްކަތައް ކުރަން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިދިޔަ މަހު ވަނީ ގްރޮސަރީ މާޓަކާއި ސެލޫނެއް ވެސް ހުޅުވައިފައެވެ. އަދި މިދިޔަ ޖެނުއަރީ މަހު ހިޔާ ފްލެޓް ސަރަހައްދުގައި ކްލިނިކެއް ހިންގުމަށް ވެސް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ބުދަ ދުވަހު ވަނީ ޑައިންމޯ ރެސްޓޯރަންޓް، މޭނާ ކޭޓަރިން، މާލަސް ކެފޭ، މީޑިއާނެޓް އޮފީސް އަދި އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސެސް ގާއިމުކުރަން ފަސް ފަރާތަކާއެކު ސޮއިކޮށްފައެވެ.