މުހައްމަދު އިމްރާން (ކުޑަ އިންމަ)ގެ ހަނދާން އެބަހުރި ހެއްޔެވެ؟ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވިދާލި ގޯލްކީޕަރެކެވެ. ގައުމީ ޓީމަށްވެސް މެޗުތަކެއް ކުޅެދިން ކުޅަދާނަ ގޯލްކީޕަރެކެވެ. ކްލަބު ވެލެންސިއާގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ގޯލުވެސް ބެލެހެއްޓި އުމުރުން 33 އަހަރު އިންމަގެ ހަނދާން ދިވެހި ފުޓުބޯޅަ އާއިލާ ހުންނާނެއެވެ.
އިންމަ އަންގި ބާލައިފިއެވެ. ފުޓުބޯޅައިގެ މަންޒަރުން ގެއްލި، މިހާރު ހުރީ ތަފާތު ދަނޑެއްގައެވެ. ފުޓްސަލް ދަނޑުގައެވެ. އުފަން ރަށް އއ. މަތިވެރީގެ ފުޓްސަލް ޓީމުގެ ހުންގާނަކީ އޭނާއެވެ. ޖަޑިބަކީވެސް ކެޕްޓަން އިންމައެވެ. ގައުމީ ލެވެލްގައި ފުޓުބޯޅަ ކުޅުނު ކުޅުންތެރިޔަކު ފުޓްސަލް ކުޅުމަކީ އާދަޔާހިލާފު ކަމަކަށް ނުވި ނަމަވެސް، ކީޕަރަކު ލަނޑުޖަހާ ފޯވަޑެއްގެ ރޯލުން ފުޓްސަލް ދަނޑު މަތިން ފެނުންވީ އާދައިގެ ކަމަކަށް ނޫނެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އއ. އަތޮޅުގެ ކުޅުން ރޭ ނިމުނު އިރު، ޗެމްޕިއަންކަން ނެގީ އއ. މަތިވެރިއެވެ. މަތިވެރީގެ އުފާފާޅުކުރުންތައް ފޯރިގަދަކޮށް ފެނުނު އިރު، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެންމެ ބޮޑަށް އިހުތިރާމާއެކު ޝުކުރު އަދާކުރިތަން ފެނުނީ އިންމައަށެވެ. އެހެންވާނެތާއެވެ. އަތޮޅު ބުރުގައި ފަސް ގޯލު ޖަހައި، އިންމައަކީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އަދި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް ހަމަ އިންމައެވެ. 2018 ވަނަ އަހަރު ވިކްޓަރީއަށް ކުޅުމަށްފަހު ރަށަށް ބަދަލުވެ، އިންމަ އެ ދެއްކި ތަފާތު އޭނާ "ވަން"އާ ހިއްސާ ކޮށްލިއެވެ.
"ފުރަތަމަ ޑިވިޝަނަށް ކުޅެ ނިންމާލައިފައި ރަށަށް ދިޔަ ހިސާބުން މި ވަދެވުނީ ފުޓްސަލްއަށް. ރަށުގައި ފުޓުބޯޅަ މުބާރާތްތަކެއް ނެތް، ފުޓްސަލް މި އޮންނަނީ. ފުޓްސަލްގައި ކީޕަރަކަށް ކުޅުނު އިރު އެ ބޭނުންވާ ވަރަށް ޓީމަށް ތަފާތު ދައްކައެއް ނުދެވޭ. އެހެންވެގެން ހިތަށް އެރީ ކުޅެން އަރާނީއޭ. ކުޅެން ފެށި އެންމެ މުހިއްމު މަގުސަދަކީ އަމިއްލައަށް ކުޅުން އެކަންޏެއްވެސް ނޫން. ލިބިފައިވާ ތަޖުރިބާގެ އަލީގައި ދެން ތިބި ކުޅުންތެރިންނަށް އެއްޗެއް ދަސްކޮށްދޭން އަސްލު ބޮޑަށް ބޭނުންވީ. އެއީ އަސްލު ފުޓްސަލް ކުޅެން ފެށި ހިސާބަކީ،" ރޭގެ މެޗަށްފަހު އުފަލުގައި ހުރި އިންމަ ބުންޏެވެ.
އިންމައަކީ މިހާރު ކައިރި ރިސޯޓެއްގެ ޑައިވިން އިންސްޓްރަކްޓަރެއްވެސް މެއެވެ. 2017 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި އިންމަ، 2009 ވަނަ އަހަރުން 2018 ވަނަ އަަހަރަށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައި ދެން ރަށަށް ގޮސް ލީޑު ކުރަމުން އެއަންނަނީ ފުޓްސަލްގެ އާ ޖީލެކެވެ.
"އަހަރެން ލީޑު ކޮށްގެން ކުރި މަސައްކަތުން ފުޓްސަލް މި ހިސާބަށް އައީ، އަހަރެންގެ ތަޖުރިބާއިން ބުނެދޭ ވާހަކަތައް އެންމެންވެސް ގަބޫލުކުރީމަ. އެއީ އަސްލު މީގެ ކާމިޔާބީއަކީ. މި މުބާރާތުގެ ކާމިޔާބީއަކީވެސް އަހަރެން އިސްވެ ހުރި ބުނި އެތި ކުޅުންތެރިން އަޑު އެހުން،" އިންމަ ބުންޏެވެ.
"ފުޓްސަލް ދަނޑުގައި މިގޮތަށް ފެނުން ވެދާނެ މީހުން ވަރަށް ބޮޑަށް ހައިރާންވި ކަމަކަށްވެސް. 13 އަހަރު ވަންދެން ގޯލު ބަލަހައްޓާފައި މެޗުތަކަށް އަރައި ގޯލު ޖަހައި، ފުޓްސަލް ކުޅުމަކީ އާދައިގެ ކަމެއްވެސް ނޫން. ހާއްސަކޮށް އަތޮޅު ޓޮޕް ސްކޯރާކަން ލިބުން އެއީ ވަރަށް ނުވާނެވެސް ކަމެއް. މިއީ އަމިއްލަ މަސައްކަތެއް. މިއީ ފިޒިކަލީވެސް ހަމަ ވަރަށް ފިޓްކޮށް ހުރެގެން ކުރެވޭނެ ކަމެއް. އަސްލު ބޭނުމަކީ އަމިއްލަ ހުނަރާވެސް އެކު އަރަމުން އަންނަ ޖީލަކަށް މަސައްކަތްތަކެއް ދެއްކުން. ކިޔައިދޭން އަބަދުވެސް ބޭނުންވަނީ. ކީޕަރު ޓްރެއިނިންވެސް ރަށުގައި އެބަ ކުރިއަށް ގެންދަން. ކުޅުނު އިރު މަސައްކަތް ކުރި ހުރިހާ ކޯޗުންގެ ފަރާތުން ލިބުނު ތަޖުރިބާގެ ބޭނުން މި ހިފަނީ،" އިންމަ އިތުރަށް ބުންޏެވެ.
އިންމަގެ ވިސްނުން އެނބުރި ފުރަތަމަ ޑިވިޝަނަކަށް ނެތެވެ. ފުޓުބޯޅައަކަށްވެސް ނެތެވެ. މިވަގުތު ފޯކަސް ހުރީ ރަށަށް ފުޓްސަލްގައި ރީތި ނަމެއް ހޯދުއިދިނުމަށެވެ. އިންމައާއި މަތިވެރިއަށް ދެން އޮތް ޗެލެންޖަކީ ޒޯނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު