ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޖަލަށް ހުކުމްކުރި، ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެ ހުކުމް ތަންފީޒުކޮށް ނިމުމުން، މިނިވަންވެއްޖެއެވެ.

ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އަޑުބަރޭއަށް ހުކުމް ކުރީ، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް، އަޑުބަރޭ ޖާމިނުކޮށް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށްފަހު ރާއްޖެ ނައި މައްސަލައިގައި ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތަށް ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ ރާއްޖެ އައުމަށް ދިން ހަތަރު މަސް ދުވަހުގެ މުއްދަތު ހަމަވެގެން ގޮސް މިއަދާ ހަމައަށް އައިއިރުވެސް އޭނާ ރާއްޖެ އައިސްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން 72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް 28 ނޮވެމްބަރު 2021 ގައި ކުރިމިނަލް ކޯޓުން އަޑުބަރޭއަށް އެންގިއެވެ. ނަމަވެސް އެ މުއްދަތުގައިވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުކުރެވުމުން އެއީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި، 15 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުސްވި ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ހުކުމްކުރިއެވެ. އެ ހުކުމާއެކު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އޭނާ ވަކިވެސް ކުރިއެވެ.

ކުރިމިނަލް ކޯޓުން އެ ހުކުމް ކުރި އިރު، އަޑުބަރޭ ރާއްޖޭގައި ނެތުމުން އެ ހުކުމް ތަންފީޒުކުރުމަށް އޭނާ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްދޭން ފުލުހުންގެ ކިބައިން އެދުނެވެ. ނަމަވެސް އަޑުބަރޭ ރާއްޖޭގައި ނެތްކަން ކަރެކްޝަނަށް ފުލުހުން އެންގިތާ ދުވަސްކޮޅެއްގެ ތެރޭގައި، އަޑުބަރޭ އެނބުރި ރާއްޖެ އައިސް ކަރެކްޝަންސްއާ އަމިއްލައަށް ހަވާލުވިއެވެ.

އަޑުބަރޭ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެފައިވާ އިރު، ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް އަލީ ވަހީދު ހާޒިރުނުވުމުން އޭނާވެސް ކޯޓުގެ ހުރުުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާ އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭރުގެ އެޖެންސީތަކަށް ދޭންޖެހޭ މައުލޫމާތު ދީ، އިންޓަޕޯލް ރެޑް ނޯޓިސްވެސް މިހާރު ވަނީ ނެރެފައެވެ.