ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އއ. އަތޮޅު ޗެމްޕިއަންކަން މަތިވެރިން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އއ. އަތޮޅުގެ މެޗުތައް ރޭ ނިންމާލާފައިވާ އިރު، ހަތަރު ރަށުން ބައިވެރިވި އެ އަތޮޅުގެ ޗެމްޕިއަން ހޮވީ ލީގު އުސޫލުން ކުޅެގެންނެވެ. ރޭ އެއް ވަގުތެއްގައި އަތޮޅުގެ ފަހު ދެމެޗު ކުޅެމުން ގޮސްފައިވާ އިރު، ދެ މެޗުވެސް ފެނުނީ ފޯރިގަދަ ކޮށެވެ. އެ ދެމެޗު ފޯރިގަދަކޮށް ފެނުނީ ފަހު ދެ މެޗަށް ނުކުތް އިރުވެސް ތިން ޓީމަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތުމުންނެވެ.
ރޭގެ މެޗުތަކަށް ނުކުތް އިރު، ބޮޑުފޮޅުދޫއާއި މަތިވެރިއަށްވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި އޮތް އިރު، ފައިދާ ގޯލުން ބޮޑުފޮޅުދޫއަށް އޮތީ ޗެމްޕިއަންކަމުގެ ފުރުސަތު ބޮޑު ކޮށެވެ. ބޮޑުފޮޅުދޫ ފައިދާ ހަ ގޯލާއެކު އޮތް އިރު، މަތިވެރިއަށް ލިބިފައި އޮތީ ފައިދާ ތިން ގޯލެވެ. ރަސްދޫކޮށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައި އޮތް އިރު، އެޓީމަށް ޗެމްޕިއަންކަން ހޯދެން އޮތީ ބޮޑުފޮޅުދޫ ބަލިކޮށް، އަނެއް މެޗުގައި މަތިވެރިއަށް މޮޅު ނުވެވިއްޖެ ނަމައެވެ. މަތިވެރިއަށް ފަހު މެޗުގައި ފެރިދޫ ކޮޅަށް ގިނަ ގޯލުތަކެއް ޖަހަން ޖެހިފައި އޮތް އިރު، މަތިވެރިން ޗެމްޕިއަންކަން ނެގީ އެކަން ޔަގީންވެސް ކޮށްގެންނެވެ. އަނެއްކޮޅުން ފަހު މެޗުގައި ރަސްދޫ އަތުން ބޮޑުފޮޅުދޫވީ ބައްޔެވެ.
ރަސްދޫން ބޮޑުފޮޅުދޫ ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މަތިވެރިން ވަނީ 6-0 އިން ފެރިދޫ ބަލިކޮށްފައެވެ. މެޗަށްފަހު ރަސްދޫން ބޮޑުފޮޅުދޫ ބަލިކުރުމުގެ އުފާފާޅު ކުރި އިރު، މަތިވެރިން އުފާފާޅުކުރީ ޗެމްޕިއަންކަން ލިބުމުންނެވެ. އެ އުފަލުގައި ރަސްދޫވެސް ބައިވެރިވީ މަތިވެރިއަށް ތަށި ހޯދައިދިނުމުގައި ރަސްދޫންވެސް ކުރި ހިތްވަރުންނެވެ.
ރޭ މަތިވެރިން ކުޅުނު މެޗުގައި ގޯލުތައް ޖެހީ ކުރިން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި އެރަށަށް އުފަން، ރަށު ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާނާއި އިސްމާއީލް ނަސީމް އަދި އާދަމް އިމްރާނާއި އަރުޝަދު އަބްދުލް ލަތީފެވެ. މުހައްމަދު އިމްރާންގެ އިތުރުން އިސްމާއީލް ނަސީމުވެސް މެޗުގައި ދެ ގޯލު ޖެހި އިރު، މުހައްމަދު އިމްރާނަކީ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި މަގާމުވެސް ހޯދި ކުޅުންތެރިޔާއެވެ.
ރޭ ރަސްދޫން ކުޅުނު ފޯރިގަދަ މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް އާޒިމްއާއި އަހުމަދު އިޔާދެވެ. އާޒިމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ބޮޑުފޮޅުދޫގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ޖާދުﷲ އަހުމަދެވެ.
ފައިނަލް މެޗަށްފަހު އަތޮޅުގެ ޓޮޕް ސްކޯރާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޓްރޮފީ ހަވާލުކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވީ އއ. އަތޮޅުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު