މިއަހަރުގެ ރޯދަ މަހާއި ޖެހިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސް އޮފީހުން މިއަދު ނެރުނު މި އަހަރުގެ 4/2022 ވަނަ ނަންބަރު ދެންނެވުމުގައި ބުނެފައި ވަނީ، ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސް ނިންމަވާފައިވާ ކަމަށެވެ.

އަދި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ދެންނެވުމުގައި ބުނެފައިވެއެވެ.

މިއަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.