ޚަބަރު

ސިވިލް ކޯޓަށް ޝީޒާއާއި ނިމާލް އައްޔަންކުރަން ނިންމައިފި

އިބްރާހިމް ޒަކީ

ސިވިލް ކޯޓުގެ ގާޒީ ކަމަށް ސ. ފޭދޫ/ ފިތިރޯނުގެ، އަލްއުސްތާޒާ ޒުލައިހާ ޝީޒާ އަދި ގއ. މާމެންދޫ/ ފެހިގެ، އަލްއުސްތާޒު އަހުމަދު ނިމާލް ޖުނައިދު އައްޔަންކުރަން ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ސާވިސް (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ދެބޭފުޅުން ސިވިލް ކޯޓަށް ގާޒީ ކަމަށް އައްޔަންކުރަން ނިންމީ، ގާޒީން ހޯދުމަށް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ ކުރި އިންޓަވިއުގައި އެންމެ ގާބިލުކަމަށް، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން ކަމަށެވެ.

އެ ދެ ގާޒީންގެ ހުވާކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޝީޒާ އަކީ މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީން ބެޗްލާސް އޮފް ލޯސް (އޮނާސް) ހާސިލުކުރައްވައި، ބާކްބެކް ކޮލެޖް، ޔުނިވާސިޓީ އޮފް ލަންޑަނުން މާސްޓާ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއަ ސްޓޭޓް އެޓާނީ އަދި ސްޓޭޓް އެޓާނީ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައެވެ.

ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލުކުރައްވާފައިވާ ނިމާލަކީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.