ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށް ދަނީ ކޭބަލް ޖަންކްޝަނާއި، ކާބް ގާ އަދި ޕޭވްމަންޓް ބްލޮކުތަކުގެ ކާސްޓިން މަސައްކަތްތައް ކަމަށެވެ.

އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ހަތަރު ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަހައްދެއްގައި ސަބްގްރޭޑު، ސަބްބޭސް އަދި ތާރު އެޅުމުުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރުން ހިމެނެއެވެ.

ޖުމުލަ 21.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެއް އަހަރު ދުވަސްތެރޭގައި ނިންމައި ހަވާލުކުރަން ޖެހެއެވެ.

މިދިޔަ މަހުގެ ތެރޭގައި އެމްޓީީސީސީން ވަނީ އުނގޫފާރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފައެވެ.