ދުނިޔޭގެ ބައެއް މައްސަލަތަކާ ގުޅިގެން އިގްތިސާދީ ކެރިފޯރުންތެރިކަން ލިބިފައިވާ ގައުމުތަކުން ނިކަން އަވަހަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައެވެ. އެގޮތުން އެމެރިކާ އާއި އެމެރިކާގެ ބައިވެރިން އެތިބީ ނަން ހުސްކޮށް އެކިކަހަލަ ފިޔަވަޅުތައް ރަޝިޔާއާ ދެކޮޅަށްވެސް މިހާރު އަޅައިގެންނެވެ. އިގްތިސާދީ ގޮތުން އަދަބު ދިނުމަށް ފިޔަވަޅު އެޅުމަކީ ޒަމާންވީ އާދަޔަކަށްވާއިރު އެކަމުން ނަތީޖާ ނެރެވޭ ބާވައެވެ؟ ނަޕޯލިއަންގެ ޒަމާނުން ފެށިގެން މިއަދާ ހަމަޔަށް އެކި ފަރާތްތަކުން އަޅާފައިވާ ދަތިކުރުމުގެ އެކި ފިޔަވަޅުތަކަށް ވަކިވަކިން ނަޒަރު ހިންގައިލާއިރު ބުނެވެން އޮތީ އެއީ މުޖައްރިބު ފަންޑިތައެއް ނޫންކަމުގައެވެ. އެއްވެސް ބަޔަކު ބަނގުރޫޓުވެގެން، ގޮތްހުސްވެގެން ކުޑަކަކޫ މައްޗަށް ތިރިވެފައެއް ނެތެވެ. އެހެންވީމާ ބޭނުންވާ ނަތީޖާ ނެރެވެޔޭ ދެންނެވޭކަށެއް ނެތެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަގީގަތުގައި އިގްތިސާދީ ހަނގުރާމައެކެވެ. ބަޑިޔާއި ބޮމުގެ ބަދަލުގައި އިގްތިސާދީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަށް ފިތައި މަރައިލުމުގެ ނިޔަތުގައި ހިންގޭ ހަނގުރާމައެކެވެ. މިފަދަ ހަނގުރާމައެއް ތާރީޚުން އެންމެ ފުރަތަމަ ފެންނަނީ ފަރަންސޭސިވިލާތުގެ ވެރިކަން ނަޕޯލިއަން ކުރެއްވި ޒަމާނުގައެވެ. މީލާދީން ނަވާރަވަނަ ސައްތައިގެ ތެރޭގައި އިނގިރޭސިވިލާތާއި ދެކޮޅަށް ފްރާންސުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިއެވެ. އެކަމަކު ނަތީޖާއެއް ނުފެނުނެވެ. ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެ ހަނގުރާމައިގެ ދެފަރާތުގައި ތިބި ގައުމުތަކުންވެސް އެއްބަޔަކު އަނެއްބައެއްގެ ވައިނޮޅި އިގްތިސާދީ ގޮތުން ބައްދައިލުމަށް ހިތްވަރާއެކު ގަދައެޅިއެވެ. އެކަމަކު ނަތީޖާއެއް ނުނެރެވުނެވެ.

ނަތީޖާއެއް ނެރެވުނަސް ނުނެރެވުނަސް ފާއިތުވީ ފަންސާހަކަށް އަހަރުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކުން އެންމެ ގިނައިން ބޭނުންކުރާ އުކުޅަކީ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ގައުމުތަކުގެ ސިޔާސަތު ބަދަލުކުރުމަށް މަޖުބޫރުކުރުމުގެ ގޮތުންނެވެ. ސަރުކާރުތައް ވައްޓައިލުމުގެ ގޮތުންނެވެ. އަމާންދޭން މަޖުބޫރުކޮށް ނިކަމެތިކޮށްލުމުގެ ގޮތުންނެވެ. ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ފާއިތުވީ ފަންސާސް އަހަރުގެ ތެރޭގައި މިފަދަ ބޭނުންތަކުގައި ދޮޅުހާހެއްހައި ފަހަރު ދަތިކުރުމުގެ އުކުޅު ބޭނުންކޮށްފިއެވެ. ރޫސީންނާ ދެކޮޅަށް މީގެ ކުރީބުރެއްގައި ވެސް ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެއީ 2014 ވަނަ އަހަރު ކްރައިމިއާ ހިފުމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ރޫސީ އިގްތިސާދަށް އެކަމުގެ ގެއްލުން ފޯރާފައިވާ މިންވަރަކީ ޖީޑީޕީގެ 1.2 އިންސައްތައެވެ.

ސިޔާސަތު ބަދަލުކުރަން މަޖުބޫރުކުރުމުގެ ގޮތުންވިޔަސް، ސަރުކާރު ވައްޓައިލުމުގެ ގޮތުންވިޔަސް ދަތިކުރުމުގެ ފިޔަވަޅުތަކުން ނަތީޖާ ނުނެރެވޭ ކަމުގެ އެންމެ ރިވެތި އެއް މިސާލަކީ ކިއުބާއެވެ. ކިއުބާއަކީ އެމެރިކާގެ ބަނޑުދޮށުގައި އޮންނަ ގައުމެކެވެ. ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވައި 1959 ވަނަ އަހަރު ކިއުބާއަށް ގެންނެވި ކޮމިއުނިސްޓް އިންގިލާބާ ގުޅިގެން އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް އެގޮތުގައި އެބަދަމަހައްޓައެވެ. ފާއިތުވެގެންދިޔަ ފަސްދޮޅަސް އަހަރުގެ ތެރޭގައި މި ފިޔަވަޅުތަކުން ކިއުބާއަށް ލިބުނު އިގްތިސާދީ ގެއްލުންކަމަށް އަންދާޒާކުރެވިފައިވަނީ 130 ބިލިޔަން ޑޮލަރެވެ. ކުޑަ އަދަދެއް ނޫނެވެ. ބޮޑު އަދަދެކެވެ. އެކަމަކު ކިއުބާގެ ސިޔާސަތު ބަދަލެއް ނުވިއެވެ. ވެރިކަމެއް ނުވެއްޓުނެވެ. ކާސްޓްރޯ އަވަހާރަވިޔަކަސް އޭނާ ގެންނެވި އިންގިލާބު ވަރުގަދަކޮށް ތާޒާކޮށް އަދިވެސް ދެމިއެބައޮތެވެ.

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ އާއި އެމެރިކާގެ އެކުވެރިން ހުރިހައި ބާވަތެއްގެ ފިޔަވަޅުތައް އަޅައިގެން ބަލަންތިބޭތާ ފަނަރަ އަހަރު ވެެއްޖެއެވެ. ބޭނުމަކީ ސަރުކާރު ބަދަލުކުރުމެވެ. މި ފިޔަވަޅުތަކުން ވެނެޒުއެލާއަށް ނުހަނު ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފައެވެ. ފައިސާގެ އަގު ވެއްޓިއްޖެއެވެ. އިގްތިސާދު ވަޅުޖަހައިފިއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. އެކަމަކު ސަރުކާރު ބަދަލެއް ނުވިއެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ކުރީގެ ރައީސް ހޫގޯ ޗަވޭޒް އަވަހާރަވިޔަސް ޗަވޭޒްގެ ސިޔާސަތާއި މިސްރާބު ބަދަލެއް ނުވެއެވެ. މިހާރު ވެރިކަމުގައި އެހުންނެވީ ޗަވޭޒްގެ ނާއިބެވެ. ސަރުކާރު ވެއްޓެން އުޅޭކަމުގެ ހިލަމެއްވެސް ނުވެއެވެ. އެހެންވީމާ ވެނެޒުއެލާގައިވެސް ފިޔަވަޅުތަކުން ނެރެވޭ ނަތީޖާއެއް ނުފެނެޔޭ ބުނެވިދާނެއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުރި އެމެރިކާގެ އެމްބަސީއަށް އީރާނުގެ ކިޔަވާކުދިން 1979 ވަނަ އަހަރު ވަދެގަތުމާއި ގުޅިގެން އީރާނަށް ދަތިކުރުމަށް އެމެރިކާއިން އަޅަން ފެށި ފިޔަވަޅުތައް އިތުރުކުރަމުން ކުރަމުންގޮސް ދެން މިހާރު އަލަކުން އަޅާނޭ ފިޔަވަޅެއް ނެތް ހިސާބަށް އެއޮތީ ކަންތައް ގޮސްފައެވެ. އެމެރިކާގެ ބޭނުމަކީ އީރާނު ކުޑަކަކޫ މައްޗަށް ތިރިކުރުމެވެ. ވެރިކަން ބަދަލު ކުރުމެވެ. ތަންކޮޅެއް ފަހަކުން ނިއުކުލިއަރ މަޝްރޫއު ހުއްޓުވުމެވެ. ތެދެކެވެ. މިފިޔަވަޅުތަކާއިހެދި އީރާނަށް އިގްތިސާދީގޮތުން ހިންދެމިލެވޭނޭ ގޮތެއް ނުވެއެވެ. އެކަމަކު ފިޔަވަޅުތަކަށް ސާޅީސް އަހަރުވެގެންދިޔައިރު ސަރުކާރެއް ނުވެއްޓެއެވެ. ސިޔާސަތު ބަދަލެއް ނުވެއެވެ. އަސްކަރީގޮތުން ނިކަމެއްޗެއްވެސް ނުވެއެވެ. ނިއުކުލިއަރ މަޝްރޫއުވެސް އެހެރަގެންދަނީ ފަތުއަޑުކިޔާފައި ކުރިއަށެވެ.

އުތުރު ކޮރެޔާއިންވެސް ފެންނަނީ ހަމަ މިމަންޒަރެވެ. ދަތިކޮށްގެން އޮބަހައްޓައިގެން ތިބޭތާ ހަތްދިހަ އަހަރުވަނީއެވެ. އެކަމަކު ސަރުކާރެއް ނުވެއްޓެއެވެ. ނިޒާމު ބަދަލެއް ނުވެއެވެ. އިގްތިސާދު ކޮންމެ ގޮތަކަށް އޮތަސް ބޭނުންވާހައި ހަތިޔާރެއް އެހެރަގެންދަނީ އުފައްދަމުން ޓެސްޓުކުރަމުންނެވެ. ނިއުކުލިއަރ ބޮމާއި ދުރުރާސްތާގެ މިސައިލް އުފައްދައިފިއެވެ. މިހާރު އެހެރަގެން އުފައްދަނީ ހައިޕަސޮނިކް މިސައިލެވެ. އެމެރިކާއަށް އަފްޣާނިސްތާނުގައި ލިބުނު ބޮޑުވެގެންވާ ނާކާމިޔާބީގެ ލަދު ފޮރުވައި އަފްޣާން ރައްޔިތުންނަށް އަދަބު ދިނުމަށްޓަކައި އެތިބީ އަފްޣާނިސްތާނުގެ ފޮރިން ރިޒާވް ފޭރި، އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ހިފަހައްޓައިގެންނެވެ. އަފްޣާން ރައްޔިތުންގެ ކަރާއި ގޮހޮރާއި ދޭތެރޭ ބޮޑުފާރު ރާނައިގެންނެވެ. ތާލިބާނުންގެ ވެރިކަން ވެއްޓިދާނޭ ކަމުގެ އުއްމީދުގައެވެ.