ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް މައިލޯ

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް ކުރިއަށް އޮތް މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރަކަށް މައިލޯ ހަމަޖައްސައިފިއެވެ.

ކްލަބް މޯލްޑިވްސްގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި މައިލޯއާ އެކު ސޮއިކޮށްފައި ވަނީ ބުދަ ދުވަހު ހުޅުމާލެ ޗާކޯލް ރެސްޓޯރެންޓްގައި ބޭއްވި އިވެންޓެއްގައެވެ. އިވެންޓްގައި ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއާމަން އިބްރާހިމް އަޝްރަފްއެވެ. އަދި މައިލޯގެ ފަރާތުން ސޮއިކުރެއްވީ ނެސްލޭ ލަންކާ ކުންފުނީގެ ސީނިއާ މެނޭޖަރެއް ކަމަށްވާ ޗަމިންދަ ވިތާނާއެވެ.

ރާއްޖޭގައި އެންމެ ޒަމާންވީ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ މިއަހަރު މުބާރާތް އަންނަ ޖުލައި މަހު ބާއްވަން ތައްޔާރުވަމުންދާ އިރު، މިފަހަރު މުބާރާތުގައި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި އަދި އިތުރު ފަރާތްތަކެއްވެސް ހަމަޖައްސަން ވަނީ ނިންމައިފައެވެ. އެ ނަންތައް އިއުލާން ކުރުމަށް ކްލަބް މޯލްޑިވްސްއިން ދަނީ ތައްޔާރުވަމުންނެވެ.

މިއަހަރު ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ ކްލަބު މޯލްޑިވްސް ކަޕްގެ 16 ވަނަ މުބާރާތެވެ. 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކާމިޔާބުކަމާއެކު ބާއްވަމުން އައި ކްލަބު މޯލްޑިވްސް ކަޕް، ހަމައެކަނި މެދު ކެނޑުނީ 2020 ވަނަ އަހަރުގައެވެ. އެއީ ކޮވިޑްގެ ސަބަބުންނެވެ. 2010 ވަނަ އަހަރުން ފެށިގެން އަންހެން ޑިވިޝަން، 18/30 ވިމަންސް ފުޓްސަލް ފިއެސްޓާގެ ނަމުގައި ކްލަބް މޯލްޑިވްސްއިން ބާއްވަމުން އަންނަ އިރު، 2020 ގައި އެ މުބާރާތްވެސް ނުބާއްވައެވެ.

ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބު މޯލްޑިވްސް ބާއްވާތާ 14 އަހަރުވެއްޖެއެވެ. އެ މުބާރާތަކީ ރާއްޖެއަށް ފުޓްސަލްގެ ފޯރި ގެނެސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މުބާރާތެވެ. ރާއްޖޭގެ އެންމެ ވަރުގަދަ، މަޝްހޫރު ފުޓްސަލް ކުޅުންތެރިންވެސް ކްލަބް މޯލްޑިވްސްއިން ތައާރާފުވެގެން އައި އިރު، އެ މުބާރާތަކީ އަދިވެސް އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. މުބާރާތުގައި އަބަދުވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުން ގަދަ ތަރިން ފެނިގެންދެއެވެ.

މިދިޔަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް މުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ހޯދީ އާރްއާރްސީއެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދީ އެމްޕީއެލްއިންނެވެ.