ޝައުބާން މަހުގެ 15 ވިލޭރޭ ބައެއް މީހުން ހަފުލާތައް ބާއްވައި ޖަމާއަތް ހަދައިގެން އެރޭ ހާއްސަ ނަމާދެއްކޮށް އުޅޭ ކަމަށާއި ނަމަވެސް އެއީ ބިދުއައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ޝައުބާން މަހުގެ ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަ ކުރުން" މި މައުލޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ބައެއް މީހުން ޝައުބާން މަހުގެ 15 ވިލޭރޭ ހަފުލާތައް ބާއްވައި ޖަމާއަތް ހަދައިގެން އެ ރޭ ހާއްސަކޮށް ނަމާދުކޮށް އުޅޭ ކަމަށެވެ.

"މިއިން އެއްވެސް ކަމަކީ ރަސޫލާގެ އަރިހުން ސާބިތުވެގެންވާ ކަމެއް ނޫނެވެ. އަދި އަސްހާބު ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިއީ ބޭކަލުންވެސް ކުރައްވާފައިވާ ކަމެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ބިދުއައެކެވެ. ކޮންމެ ބިދުއައަކީ މަގު ފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ.

ހުތުބާގައި ވަނީ ޝައުބާން މަހުގެ ދުވަސްތަކަކީ ހެޔޮ އަމަލުގެ ފަތަށް ހެޔޮ އަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ. އެފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ.

"އެމަހުގައި ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ގިނަގިނައިން ރޯދަހިފުން. އެމަހަކީ މީސްތަކުންގެ އަމަލުތައް މާތް ﷲގެ ހަޟްރަތައް އުފުއްލެވޭ މައްސަރެއް،" ހުތުބާގައިވެއެވެ.

ހުތުބާގައި ބުނީ، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝައުބާން މަހު ރޯދަހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއް ކަމަށާއި ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާއި ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވޭ ކަމަށެވެ. އަދި އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ފޫބައްދައިލެވޭ ކަމަށްވެސް ހުތުބާގައިވެއެވެ.

"ހަމަ އެބީދައިން ޝައުބާން މަހު ގިނަގިނައިން ރޯދަހިފުމުން ރަމަޟާން މަސް އަންނަންވާ އިރަށް އެމަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފުސު ފުރިހަމައަށް ތައްޔާރުވޭ. ރަމަޟާން މަސް ފިޔަވައި އެހެން މަސްތަކުގައި ހިފާ ރޯދައަކީ މުސްތަހައްބު ރޯދަތަކެކެވެ. އަޅުކަމުގެ ގޮތުން ސަވާބާއި ދަރުމައަށް އެދި ހެޔޮ އަމަލުގެ ފަތަށް ބުރަކުރުމަށް މުސްލިމު އަޅާ ކުރުން އެންމެ ރަނގަޅު އެއް އަމަލު،" ހުތުބާގައިވެއެވެ.

މިއަދު ފެށިގެންދިޔަ ޝައުބާން މަހުގެ މާތްކަމާއި ގުޅޭ ގޮތުން ހުތުބާގައި ބުނެފައިވަނީ މިއީ މާތްﷲ ހުރުމަތްތެރި ކުރެއްބި ރަޖަބު މަހާއި ބަރަކާތްތެރިވެގެންވާ ރަމަޟާން މަހާއި ދެމެދުގައިވާ އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެ މަހެއްގެ ދުވަސްތަކާމެދު ޣާފިލުވެފައިވާ މަހެއް ކަމަށެވެ. ޝައުބާން މަހަކީ ހެޔޮ އަމަލުގެ ފަތަށް އިތުރުކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާ އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ.

މި މަހު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަ ގިނައިން ރޯދަ ހިފުން ކަަމަށްވެސް ހުތުބާގައި ބުންޏެވެ.