ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތުވާ ޑޮކްޓަރުންނާއި ނަރުހުންނަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އާއިލާއިން ފުލުހަށް ހުށަހަޅައިފިއެވެ.
އުމުރުން ފަސް އަހަރުގެ ސަދާ މަރުވީ ގަދަޔަށް ބަނޑުގައި ރިއްސާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިއުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި ހެލްތު މިނިސްޓްރީގެ ރިޕޯޓުންވެސް އެކުއްޖާއާ މެދު އިހުމާލު ވެފައިވާކަން ވަނީ ހާމަވެފައެވެ. އެއާއެކު ސަދާއަށް ފަރުވާ ދިނުމުގައި ބައިވެރިވި ދެ ޑޮކްޓަރަކާއި ނަރުހަކު ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެއް ޑޮކްޓަރަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ސަދާ ބައްޕަ ސައުދުﷲ އަހުމަދު މިއަދު "ވަން" އަށް ބުނީ، އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންނަށް ޖިނާއީ ދައުވާކުރުމަށް އިއްޔެ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ބުނީ ދަރިފުޅުގެ މަރުގެ މައްސަލައިގައި ޑޮކްޓަރުންގެ އިހުމާލުވާކަން ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ބަޔާންކޮށްފައި ވަނިކޮށް އެއް ޑޮކްޓަރަކު ރާއްޖެއިން ފުރުވާލާފައިވާ ކަމަށެވެ. އަދި ފަރުވާ ދިނުމުގައި ބައިވެރިވި ނަރުހުންގެ މައްސަލަ ނާސިން ކައުންސިލުން ބަލައި ނިންމާފައިވިޔަސް ނިންމި ގޮތެއް އަދި ސާފުވެފައިނުވާ ކަމަށް ބުންޏެވެ.
ހެލްތު މިނިސްޓްރީން ސަދާގެ މަރުގެ މައްސަލަ ބެލުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ވަނީ 21 ކަމެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ފަރުވާ ދިނުމުގެ ކުރިން ސަދާގެ މެޑިކަލް ހިސްޓްރީ ނުބަލައި ޑޮކްޓަރުން ބޭސް ދިންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ބަލިމީހުންގެ ރެކޯޑްސް ބަލަހައްޓާ ވިނަވި ޕޯޓަލް ސަދާގެ އެގްޒަމިން ހެދިކަމަށް އަޅާފައިވިޔަސް އެއީ ދޮގެއް ކަމަށް އެ ރިޕޯޓުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު