އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވަން ނިންމަވައި، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެކަން އިއުލާން ކުރައްވައިފިއެވެ.

ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، އަސްލަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗެއާޕާސަންކަމުގެ މަގާމަށް ފައްޔާޒަށް ތާއީދުކުރައްވަން ނިންމެވީ، ޕާޓީ ވަރުގަދަކޮށް ޕާޓީއަށް ކާމިޔާބު ހޯދައިދެވޭނެ ކެންޑިޑޭޓަކަށް ވާތީ ކަމަށެވެ.

ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގައި މިނިސްޓަރު ފައްޔާޒު ވަނީ ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށްދެއްވާފައި ކަމަށާއި އޭނާ ގަބޫލުކުރާ އުސޫލުތަކުގައި ހިފަހައްޓަވައި ދެގޮތެއް ނުވެ ހުންނެވި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ޗެއާޕާސަން ކަމުގެ މަގާމަށް ފައްޔާޒާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.

އިންތިހާބުގެ ފޯރި ގަދަވެ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެމުންގެންދާ އިރު، އޭގެ އެންމެ ކުރީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ގެންދަވަނީ ތުހުމަތުތަކަކާއެކު ނުސީދާކޮށް ރައީސް ސޯލިހަށްވެސް ބައެއް ބަސްތައް އަމާޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު އެއްވެސް ރައްދެއް ދެއްވައިފައެއް ނުވެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ ތެރެއިން، ފާޅުގައި މިހާތަނަށް ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރެއްވި މެންބަރުންގެ ތެރޭގައި އަސްލަމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދާއި، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިން އާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމާއި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ގަމު ދާއިރާ މެންބަރު މުހައްމަދު ވިސާމު ހިމެނިވަޑައިގަންނަވައެވެ.