ޚަބަރު

ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރަށް މުވައްޒަފަކު އައްޔަން ނުކުރުމަށް އަމުރުކޮށްފި

އިބްރާހިމް ޒަކީ

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރުގެ މަގާމަށް އެއްވެސް މުވައްޒަފަކު އައްކަން ނުކުރުމަށް، ސިވިލްސާވިސްކޮމިޝަން (ސީއެސްސީ) ގެމައްޗަށް ޓްރައިބިއުނަލުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި މައްސަލައަކީ، މިނިސްޓްރީ އޮފް ހަޔާއެޑިއުކޭޝަންގެ ދަށުން ހިންގާ "މޯލްޑިވްސް އެންހޭންސިންގ އެމްޕްލޮއިބިލިޓީ އެންޑް ރެސިލިއަންސް އޮފް ޔޫތު، ޕްރޮޖެކްޓް" ގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރުގެ ވަޒީފާއިން ވަކިކޮށްގެން މ.ބަނަފްސާވިލާ ޝާހިދާ އަބްދުއްރަހުމާން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި މައުލޫއީގޮތުން، ޓްރައިބިއުނަލުން ހުކުމެއް އިއްވަންދެން، އެ މަގާމަށް މީހަކު އައްޔަން ނުކުރުމުގެ އަމުރެއް ނެރެދިނުމަށް އޭނާ ވަނީ ޓްރައިބިއުނަލްގައި އެދިފައެވެ.

އޭނާ އެދިފައި ވަނީ، އެ މައްސަލައިގެ މައުލޫއުގައި ވަކި ގޮތެއް ކަނޑައަޅަންދެން، އޭނާ އަދާކުރަމުންދިޔަ މަގާމުގެ ޒިންމާ އަދާ ކުރުމަށް ދާއިމީ ގޮތެއްގައި އެއްވެސް މުވައްޒަފަކު އައްޔަން ނުކުރުމަށް، ނުވަތަ އެމައްސަލައިގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން އޭނާ އަދާކުރަމުންދިޔަ، ވަޒިފާއަށް، ނުވަތަ އޭނާ އަދާކުރަމުންދިޔަ މަސްއޫލިއްޔަތު، ނުވަތަ އެއިގެން ބައެއް ނަމަވެސް އަދާ ކުރުމަށް ދާއިމީގޮތެއްގައި އެއްވެސް މުވައްޒަފަކު އައްޔަން ނުކުރުމަށާއި، ދާއިމީ މުވައްޒަފަކު ނެގުމަށް އެއްވެސް މަސައްކަތެއް ހިންގަމުންދާނަމަ، އެމަސައްކަތް ވަގުތުން މަޑުޖައްސާލުމަށް އަމުރު ކޮށްދެއްވުމަށެވެ.

އެ މައްސަަލަ ބެލުމަށްފަހު، ޝާހިދާ އެދުނު ގޮތަށް އިއްޔެ ޓްރައިބިއުނަލުން ވަނީ އަމުރު ނެރެދީފައެވެ.

އޭގެ އިތުރުން އެ މައްސަލަ މައުލީގޮތުން ނިންމާއިރު، ޝާހިދާ އަދާކުރަމުންދިޔަ ވަޒީފާއަށް އޭނާ އަލުން އަނބުރާ ރުޖޫއަ ކުރުމަށް ނިންމާ ނިންމުމެއް، ނުވަތަ ކުރާ އަމުރެއްގެ ގާނޫނީބާރު ނެތިދާފަދަ ކަމެއް ނުުރުމަށާއި، އެފަދަ ނިންމުމެއް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ވެސް ޓްރައިބިއުނަލުން ވަނީ ސިވިލްސާވިސްގެ މައްޗަށް އަމުރު ކޮށްފައެވެ.