ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރަން އެ ކޯޓުން މިއަދު ނިންމައިފިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު އޮޅުންފިލުވުމަށް ޑިފެންސް މިނިސްޓްރީގައި އެދުނީ، ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން އެވެ. ނަމަވެސް އެ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތުތަކެއް ކަމަށް ބުނެ އެ މިނިސްޓްރީން އެކަމާބެހޭ މައުލޫމާތު ދޭން އިންކާރުކުރި އެވެ.
އަޒާންގެ ފަރާތުން ދެން އެ މައްސަލަ ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އަށެވެ. އެ މައްސަލަ ބެލުމަށްފަހު، 27 އޮކްޓޫބަރު 2020 ގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިމެވުމުގައި ވަނީ ޑިފެންސުން ނިންމެވީ ރަނގަޅަށް ކަމަށް ކަނޑައަޅުއްވައިފައެވެ.
އެކަމާ ގުޅިގެން އަޒާންގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ ފަހަރު ހައިކޯޓުން ބުނީ އެއީ އެކޯޓުން ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނިންމުން ބާތިލުކޮށް އެއީ ހައިކޯޓަށް ހުށަހެޅޭނެ މައްސަލައެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
ހައިކޯޓުން އެ މައްސަލަ ބަލަން ފަށާފައި ވަނީ، ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެންނެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަޒާންގެ ފަރާތުން ވަނީ، އެ މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް އެދިފައެވެ. އޭނާ ބުނީ އެ މައްސަލައަކީ މުޅި ގައުމާއި މުޅި ރައްޔިތުންގެ މަސްލަހަތު އޭގައި ހިމެނޭ މައްސަލައެއް ކަމަށެވެ. އަޒާން ހުށަހެޅި ހުށަހެޅުމަށް އައިކޮމް އިން ދެކޮޅެއް ނަހަދައެވެ. އެހެންކަމުން، އެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް މިއަދުގެ އަޑުއެހުމުގައި ހައިކޯޓުން ނިންމިއެވެ.
ހައިކޯޓުގައި، މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަހީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު