ޚަބަރު

އަލީ ވަހީދު ހައްޔަރުކުރުމަށް ނެރެފައިވާ ރެޑްނޯޓިހާ ގުޅިގެން ޕީޖީ އޮފީހާ އެކު މިއަންނަނީ މަސައްކަތް ކުރަމުން: ޕޮލިސް

މުހައްމަދު ޖަމްޝަތް ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕީޖީ އޮފީހާ އެކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ކުރިމިނަލް ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އެ އަމުރާ ގުޅިގެން އަލީ ވަހީދު އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭރުގެ އެޖެންސީތަކަށް ދޭން ޖެހޭ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.

އަލީ ވަހީދު ރާއްޖެ ގެނައުން ލަސްވަނީ އޭނާ ގެނައުމަށް ބޭނުންވާ އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރު ނުލިބޭތީ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދި އެކަމާ ގުޅިގެން ކުރިމިނަލް ކޯޓަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވި ކަމަށާއި މިދިޔަ ޖެނުއަރީ މަސް ނިމިނިމި އޮއްވައި ލިބުނު އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ އޭރުވެސް ބުނެފައެވެ.

ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ.

އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނުމުންނެވެ. މި މައްސަލައާ ގުޅިިގެން އަޑުބަރޭ މިހާރުދަނީ 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.