ދުނިޔެ

ދަރިވަރުންތަކަކަށް މާސްކު ބޭލުމަށް އެމެރިކާގެ ގަވަރުނަރަކު އަމުރުކޮށްފި

ދަރިވަރުންތަކަކަށް މާސްކު ބޭލުމަށް އެމެރިކާގެ ގަވަރުނަރަކު އަމުރުކޮށްފިއެވެ.

ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް ބުދަދުވަހު ޔުނިވަސިޓީ އޮފް ސައުތު ފްލޮރިޑާއަށް ޒިޔާރަތްކުރައްވައި ޕޯޑިއަމްގައި ވާހަކަދެއްކެވުމުގެ ކުރިން ވަނީ މާސްކު އަޅައިގެން ތިބި ދަރިވަރުންތަކަކަށް މާސްކު ބޭލުމަށް އަމުރުކުރައްވައިފައެވެ. ޑިސެންޓިސް އެކަމަށް އިޝާރާތްކުރެއްވީ މަޖަލަކަށް ކަމަށް ހީވި ނަމަވެސް މާސްކު އެޅުމުގެ ބޭނުމެއް ނެތް ކަމަށާއި އޭގެން ކުރާނެ މާބޮޑު ފައިދާއެއް ނެތްކަމަށް ޑިސެންޓިވް ވަނީ ވިދާޅުވެފައެވެ. ގަވަރުނަރުގެ އެންގެވުމާއެކު އޭނާގެ ފަހަތުގައި ތިބި ދަރިވަރުންގެ ތެރެއިން ގިނަ ކުދިން ވަނީ މާސްކު ނަގައިފައެވެ.

މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ދިޔަނަމަވެސް ދިފާއުގައި ރޮން ޑިސެންޓިސްގެ ތަރުޖަމާނު ކްރިސްޓިނާ ޕުޝޯ ވަނީ ޓުވީޓެއް ކުރައްވާފައެވެ. ކްރިސްޓީނާގެ ޓުވީޓުގައި ވަނީ ކޮންމެވެސް އެކަކު އެވާހަކަ ދައްކަން ވެއްޖެކަމަށާއި ޒުވާނުން ބިރުގެންނެވުމަށް ދެ އަހަރު ދުވަސްވަންދެން ހިންގަމުން އަންނަ ޕްރޮޕެގެންޑާއަށް ނިމުމެއް ގެންނަން ވެއްޖެކަމަށެވެ.

ފްލޮރިޑާގެ ގަވަރުނަރު ޑިސެންޓިސް ވަނީ މީގެ ކުރިންވެސް އެމެރިކާގެ ސުކޫލުތަކުގައި ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުން މަޖުބޫރުކުރުމާ ދެކޮޅަށް މަސައްކަތްކުރައްވައިފައެވެ.

އެމެރިކާގެ ގިނަ ސްޓޭޓުތަކުގެ ސުކޫލް މާހައުލުގައި މާސްކު އެޅުން އުވާލުމަށް ވިސްނަމުން ދިޔަނަމަވެސް އެމެރިކާގެ ސީޑީސީން އަންނަނީ މާސްކު އެޅުމުގެ ސަބަބުން ކޮވިޑު ފެތުރުމުން ރައްކާތެރިކޮށްދޭކަން ސާބިތުވާކަމަށް ބުނަމުންނެވެ.