ޚަބަރު

މަގުމަތީގައި މާހެފުން ބާއްވަން ބޭނުންވާ ނަމަ މަގު ބަންދުކޮށްދޭނަން: ސިޓީ ކައުންސިލް

ރިފާ ހަލީލު

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް މާލޭގެ މަގުތަކުގައި ބޮޑެތި މާހެފުން ބާއްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުން މަގު ބަންދުކޮށްދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ ރޯދަމަހާ ދިމާކޮށް ވެސް މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްޓަކައި މި މަހުގެ 25، 26، 29 އަދި 30 މިހަތަރު ދުވަހު މާލޭގެ ބޮޑެތި މަގުތައް ފިޔަވައި އެހެނިހެން މަގުތަކުގައި ހާއްސަ ކުރާނެ ކަމަށެވެ. އަދި އެ ހަރަކާތް ބޭއްވުމަށް އެދި ސިޓީ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން، ގިނަ ބަޔަކު ޝާމިލުވާ ގޮތަށް ބާއްވަމުން އަންނަ ހަރަކާތެވެ. ނަމަވެސް ކޮވިޑު-19 އާ ގުޅިގެން މި ހަރަކާތްތަށް ކުރިއަށް ގެންދިޔުން އޮތީ މަނާކޮށްފަ އެވެ.

ކޮވިޑުގެ ހާލަތު މިހާރު ރަނގަޅުވެ މާލޭގައި ހަރަކާތްތައް ބޭއްވުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.

ސިޓި ކައުންސިލުން ވަނީ ގިނަ ހަރަކާތްތަކެއް ރަމަޟާން މަހާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފަ އެވެ. އެގޮތުން ކުޑަ ކުދީންނަށް ހާއްސަކޮށްގެން މަދަހަ މުބާރާތަކާއި ހެޔޮއެދޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ގުރުއާން މުބާރާތެއް ބޭއްވުމާއި މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްތައްވެސް އެ ކައުންސިލުން ވަނީ ރާވާފަ އެވެ.