ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލަށް ދިނުމަށް ވި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސަން ޓްރެވަލްސް އިން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަން ޑޮލަރު ނުދެއްކި މައްސަލައިގައި ސަން ޓްރެވަލްސްގެ ވެރިޔާ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން ނުފޫޒު ފޯރުވައިގެން ހިންގި ސިޔާސީ ޖަރީމާއެއް ކަމަށް ސިޔާމް ތުހުމަތު ކުރައްވައިފިއެވެ.
އެމްޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިވިލް ކޯޓުގެ އަމުރަކަށް ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލައިގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިޔާމް ވިދާޅުވީ، އެކަމަކީ ގާނޫނުތަކާއި ގަވާއިދުތަކާ ސީދާ ދެކޮޅަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ހިންގައިގެން ލިބޭ އެއްޗަކަށް ވުރެ މާ މަތީ އަދަދެއް ދޭނެ ކަމަށް ބުނެ، މެނޭޖްމަންޓް ކުންފުންޏޭ ކިޔާ ސީދާ އިޒްރޭލުގެ ކުންފުންޏަކުން، އެގްރީމެންޓް ހެދީ. ނަމަވެސް އެގްރީމެންޓްގައި ސޮއިކުރުމަށްފަހު، އެއްބަސްވުމާ ހިލާފަށް ހުރިހާ ތަންތަނުން ވައްކަންކޮށް ހަތަރު ދުވަސްތެރޭގައި މުޅި ކުންފުނި ބެންކްރަޕްޓް ކޮށްލީމަ އެމީހުންގެ އެގްރީމެންޓް ކެންސްލްކޮށްލީ. އެކަމާ ގުޅިގެން ކޯޓަށް ގޮސްގެން ފުރަތަމަ އެމީހުންނަށް ވިން ވީ. ދެވަނަ ފަހަރު ކޯޓަށް ގޮސްގެން އަޅުގަނޑުމެންނަށް ވިން ވީ. މިއަދު އެ އުޅެނީ އަނެއްކާ އެމީހުންނަށް ވިން ވެގެން،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ހިލްޓަންއެކޭ އެއްގޮތަށް ސަން ޓްރެވަލްސްއަކީ ވެސް މަލްޓި ބިލިއަން ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް އެ ކުންފުނިން އައްޔަންކޮށްފައިވަނީ، ރާއްޖޭގެ އެންމެ ފުންނާބު އުސް ވަކީލުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލަ އޮތީ ހައިކޯޓުގެ އިސްތިއުނާފަށް ބަަލައިގެންފައި ކަމަށާއި، ކޯޓުން އަންގާ އެންގުމަކާ ގުޅިގެން ލަހެއްފަހެއް ނުވެ އެ ކުންފުނީގެ ވަކީލުން ކޯޓަށް ހާޒިރުވަމުން ދަނިކޮށް، އޭނާގެ ޕާާސްޕޯޓް ހިފެހެއްޓުމަކީ ދިން އަނިޔާއެއް އަދި ހިންގި ބޮޑު ޖަރީމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ހަމަ އެގޮތަށް، ހޯދައި ނުފެނިފައިވާ މީހެއްގެ ގޮތުގައި ކުއްލިއަކަށް ހައްޔަރުކޮށްގެން މީހުން ކޯޓަށް ހާޒިރުކުރަންވެސް ކޯޓުތަކުން އަމުރު ނެރޭ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ނުކޮށް އެގޮތަށް ކޯޓުން އަމުރު ކޮށްގެން މީހުން ހާޒިރުކުރަނީ މީހުންގެ އަބުރު ކަތިލައި އަގުވައްޓައިލުމަށް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
އެކަންތައްތަަކަކީ ސީދާ ޖޭއެސްސީގައި ތިއްބަވާ މެންބަރުން ނުފޫޒު ފޯރުވައިގެން ކޯޓުތަކުން ކުރާ ކަންތައްތައް ކަމަށާއި ކޯޓުތަކުގެ ގާޒީންގެ ނިންމުންތަކަކީ ޖޭއެސްސީގެ މެންބަރުން ލިޔުއްވާފައިވާ ނިންމުންތަކެއް ކަމަށްވެސް ސިޔާމް ތުހުމަތުކުރެއްވިއެވެ.
ސިޔާމް ވިދާޅުވީ، އޭނާއަކީ މިހާރު އެންމެ ގިނަ ޓެކްސް ދައްކާ މީހާ ކަމަށާއި މަޖިލިސް މެންބަރުންނަށް މުސާރަ ދެނީވެސް އެގޮތަށް ދައްކާ ޓެކްސް ފައިސާއިން ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ބޮޑެތި ޓެކްސް ދައްކާ މީހުންނަށް ގަދަރު ކުރާ ކަމަށާއި އެހެން ގައުމެއްގައި ނަމަ އޭނާއަށް ކުރާނީ ސެލިއުޓް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު