ރާއްޖެއަށް ދެން އަންނާނީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެރިކަމެއް ނުވަތަ އެޕާޓީ ބައިވެރިވާ ވެރިކަމެއް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާމް ވިދާޅުވީ، އެމްޑީއޭ އަކީ ވީހާވެސް ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމުގެ މަގުސަދުގައި އުފެއްދެވި ޕާޓީއެއް ކަމަށެވެ. އެކަމަށްޓަކައި ޕާޓީގެ ގައުމީ ކައުންސިލުން ކުރިއަށްއޮތްތަނުގައި ގޮތްތަކެއް ކަނޑައަޅާނެ ކަމަށާއި، ޕާޓީން ކުރިއަށްދާނީ އެ ގޮތުގެމަތިން ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމު ކަމުނުދާކަމުގެ ވާހަކަ ދައްކާތާ 50 އަހަރު ވެފައިވާއިރު، ރާއްޖޭގައި މިހާރު އޮތް ޝަރުއީ ނިޒާމު ރަނގަޅުކޮށް ހަމަހަމަކަމާއެކު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުގެމަތިން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އަމާޒުކޮށްގެން އެޕާޓީން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުގެމަތިން، ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑިއަށް އެޕާޓީން ކެނޑޭޓުން ނެރޭނެ ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އެޕާޓީން ގޮތްތަކެއް ކަނޑައަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާމުގެ ވާހަކައިގައި، ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށްބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ޖުޑީލަން ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިހާރު ތިއްބެވީ މުޅިންވެސް ސިޔާސީ ބޭފުޅުން ކަމަށާއި، އެގޮތަށް ޖޭއެސްސީ އޮވެގެން ޝަރުއީ ނިޒާމުގެ ތެރެއިން ހަމަހަމަކަމާއެކު އިންސާފު ހޯދައި ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.