އެމްޑީޕީ އުފެއްދުމަށްޓަކައި ރައީސް މުހައްމަދު ނަޝީދާއެކު އެންމެ ގާތްކޮށް މަސައްކަތްކުރި އަދި އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ތެރޭގައި ހިމެނޭ، ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކުރައްވައިފިއެވެ.
ޝުއައިބު އެމްޑީއޭއަށް ސޮއިކުރައްވާފައިވަނީ ޕޯސްޓް ބިލްޑިންގެ އޮޑިޓޯރިއަމްގައި އެކަމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއެކު އެޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޝުއައިބަކީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަަމަ އެ ޕާޓީއަށް ސޮއިކުރި މީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގައި ޝުއައިބާ ޖެހުނު މައްސަލަތަކެއްގެ ސަބަބުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހު އޭނާ ވަނީ އެމްޑީޕީން ވަކިކޮށްފައެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މައްސަލަ ބެލުމަށްފަހު ޕާޓީން އޭނާ ވަކިކުރުމާ ގުޅިގެން ޝުއައިބު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާ ކޮމިޓީއަށް މައްސަލަ ހުށަހެޅީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ސިޔާސީ ދެބަސްވުން ހުރިކަމަށް ހާމަކުރުމުން ކަމަށެވެ.
ޝުއައިބު އެއިރު ވިދާޅުވިގޮތުގައި އޭނާ ޕާޓީން ވަކިކުރީ އެމްޑީޕީގެ ރައީސްކަން ކުުރުމުގެ ޝައުގުވެރިކަން ފާޅުކޮށް މިހާރު ހުންނެވި ރައީސް މުހައްމަދު ނަޝީދަށްފަހު ޕާޓީގެ ރައީސްކަން ކުރާނެ ކަމަށް ކެމްޕެއިން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ކަމަށެވެ.