ޚަބަރު

ދުނިޔޭގެ އެންމެ ނާޒުކު ގަދީމީ އާސާރުތަކުގެ ލިސްޓުގައި އައްޑޫ ކޯގަންނު ގަބުރުސްތާން ހިމެނިއްޖެ

ދުނިޔޭގެ ހަނދާނީ ބިނާތައް ނުވަތަ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫ ސިޓީ ކޯގަންނު ގަބުރުސްތާނު ހިމެނިއްޖެއެވެ.

ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓަކީ ދުނިޔޭގެ އެންމެ ނާޒުކު ގަދީމީ އާސާރުތައް ހިމާޔަތްކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ.

ކޮންމެ ދެ އަހަރަކުން އެއް ފަހަރު ނެރެމުން އަންނަ އެ ލިސްޓުގައި ކޯގަންނު ގަބުރުސްތާން ހިމެނުނީ, މިއަހަރުގެ ލިސްޓަށް ނޮމިނޭޓް ވި 225 ތަނުގެ ތެރެއިން ހޮވުނު 25 ތަނުގެ ތެރޭގައި ހިމެނިގެންނެވެ. މިއީ އެ ލިސްޓުގައި ރާއްޖޭގެ ގަދީމީ އާސާރެއް ހިމެނުނު ފުރަތަމަ ފަހަރެވެ.

ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރު ކޮމިއުނިކޭޝަން އިސްމާއިލް ނާއިލް "ވަން" އަށް މިއަދު ވިދާޅުވީ, އެ ލިސްޓުގައި ކޯގަންނު ހިމެނިފައިވާކަން އިއުލާނު ކޮށްފައިވަނީ ރޭ ކަމަށެވެ. އެ ލިސްޓުގައި ކޯގަންނު ގަބުރުސްތާން ހިމެނީ ނާއިލް ވިދާޅުވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެތަނަށް ނުރައްކާ އޮތް މިންވަރު ބެލުމަށްފަހުއެވެ.

އެ ލިސްޓުގައި ކޯގަންނު ހިމެނުމާއެކު އެތަން އިތުރަށް ރައްކާކޮށް ހިމާޔަތް ކުރުމަށްޓަކައި ދުނިޔޭގެ ސަމާލުކަން ލިބި, ފައިސާގެ އެހީތެރިކަމާއި އެފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެންމެ ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށްވެސް ނާއިލް ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެންނަން ހުރި ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭން މަސައްކަތް ފަށާފައިވާ އިރު, އެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވާ އެއް މިސްކިތަކީ ކޯގަންނު ގަބުރުސްތާނުގައި ހުންނަ ފަނޑިޔާރު މިސްކިތެވެ.

ނަމަވެސް ތަރިކައިގެ ދާއިމީ ލިސްޓަށް އެރުމުގެ ކުރިން އެތަންތަން ފުރަތަމަ ހިމަނާނީ ވަގުތީ ލިސްޓެއްގައެވެ. ވަގުތީ ލިސްޓުގައި 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހަ މިސްކިތެއް ހިމެނިފައިވެއެވެ. އެއީ:

  • މާލޭ ހުކުރު މިސްކިތް
  • މާލޭ އީދު މިސްކިތް
  • އދ. ފެންފުށީ އާސާރީ މިސްކިތް
  • ރ. މީދޫ އާސާރީ މިސްކިތް
  • ލ. އިސްދޫ އާސާރީ މިސްކިތް
  • ހއ. އިހަވަންދޫ އާސާރީ މިސްކިތް

ނާއިލް ވިދާޅުވީ, ވޯލްޑް މޮނިއުމަންޓް ލިސްޓުގެ ވޮޗް ލިސްޓުގައި ކޯގަންނު ގަބުރުސްތާން ހިމެނުމާއެކު, ތަރިކައިގެ ވަގުތީ ލިސްޓުގައި ފަނޑިޔާރު މިސްކިތް ހިމެނުމުގެ ބަދަލުގައި އެ ލިސްޓު ހުރަސްކޮށް, ދާއިމީ ލިސްޓަށް އެރުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮންނާނެ ކަމަށެވެ.