ހެންވޭރު ގެއެއްގައި އަންހެނަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާއާ ދެކޮޅަށް ހެކި ނުލިބުމުން އޭނާ ބަންދުން ދޫކޮށްލައިފި އެވެ.

ހެންވޭރު ގެއެއްގައި އަންހެނަކަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް، އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެން މީހާ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހެންވޭރު ގެއަކުން އަންހެނަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އިއްޔެގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ އޭނާ ދޫކޮށްލާފައިވަނީ އަނިޔާ ލިބުނު މީހާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން އެ މައްސަލަ ތަހުގީގު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތުމުން ކަމަށެވެ. އަދި މި މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި ދުވަހުން ދުވަހަކަށް އިތުރު ވަމުންދާ މައްސަލަތަކެވެ. ނަމަވެސް ތަހުގީގު މަރުހަލާ ނިމި ޝަރީއަތާ ހަމަޔަށް ދަނީ މަދު މައްސަލައެކެވެ.