ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ ހުސްވި ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވުމާ ގުޅިގެން، ނާއިބު ރައީސް ވަނީ ރައީސުލްޖުމްހޫރިޔާ ކަމުގެ ހުވައި ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި، ނައިބު ރައީސް ފައިސަލަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
އެދުވަހު ނާއިބު ރައީސް ކުރެއްވި ހުވަޔާ ގުޅޭގޮތުން، އިދިކޮޅު ޕީޕީއެމްޕީއެންސީ ކޯލީޝަންގައި ހިމެނޭ، ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ސުވާލު އުފައްދަވައިފައެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލގެ ބަހުސްގައި ވާހަކަ ދައްކަވަން ފައްޓަވަމުން ސައީދު ވިދާޅުވީ، ބިލަށް އެއްޗެއް، ދެންނެވުމުގެ ކުރިން މަޖލިސް ރައީސަށް ސުވާލެއް، ދަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ސައީދު ސުވާލު ކުރެއްވީ، އެންމެފަހުން ހުވައި ލައިދެއްވީ ކޮން ރައީސަކަށްތޯ އެވެ. އަދި މި ސުވާލުގެ ޖަވާބު މަޖިލިސް ރައީސަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވި ކެއްސެއް ކަމަށާއި، ނައިބުރައީސަށް ހުވައި ލައިދެއްވި ހިސާބުން ނައިބު ރައީސް، އެވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެ ވަޑައިގެންފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބު، (ޗެއާޕާސަންކަމުގެ އިންތިހާބު)ގެ ކަންތައްތަކަށް ވާގޮތުން ސީދާ މަޖިލިސް ރައީސް އެ މައްސަލަ ނިންމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސައީދުގެ އެވާހަކައާ ގުޅިގެން މަޖިލިސް ރައީސް އެއްޗެއް ވިދާޅެއް ނުވިއެވެ.
ނަމަވެސް ސައީދު ބިލަށް ވާހަކަދައްކަވަން ފެށުމާ ގުޅިގެން، އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވިއެވެ. ނަމަވެސް އެއީ ސައީދުގެ ސުވާލާ ބެހޭގޮތަކުންނޫނެވެ. ބިލްގެ ބަހުސްގައި ސައީދު ދެއްކެވި ވާހަކަތަކާ ގުޅޭގޮތުންނެވެ.
މެންބަރުންގެ ނިޒާމީ މައްސަލަތަކާ ގުޅިގެން، ވާހަކަ ކުރިއަށް ގެންދެވޭނެކަމަށް ހީނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެހެންބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާއިރުވެސް، ސައީދު ދެއްވަން ބޭނުންފުޅުވާ މެސެޖާއެކީ ވާހަކަ ކުރިއަށް ގެންދެވުމަކީ، ޕާލަމެންޓްރީ ހުނަރުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ. އަދި އެގޮތަށް ވާހަކަ ކުރިއަށްގެންދެވުން އެދިވަޑައިގަންނަވާ ކަމަށާއި، ޕާލަމެންޓްރީ އެ ހުނަރުތައް ބުނެދޭ، އިލްތިމާސް ކޮށްދޭ، އަދި ކިޔައިދޭ ބައިވަރު މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ، މަޖިލިސް ރައީސް ރަނގަޅަށް ހުވައި ލައިދެއްވުމަކީވެސް ޕާލަމެންޓްރީ ހުނަރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން، "މަނިކުފާނު ތިހުންނެވީ ރައީސް ސޯލިހަށް، ވަރަށްބޮޑު ކެއްސެއް، ބޮޑު ލަނޑެއް ދެއްވާފައޭ، ނައިބުރައީސަށް ހުވައިލައިދީ ރައީސް ސޯލިހު ވަޒީފާއިން ވަކިކުރައްވާފައޭ ތިވަނީ އެހެންކަމުން ގާނޫނީ ބޮޑު ހުސްކަމެއްގެ ތެރޭގައި މުޅި ދައުލަތް އޮތްވާހަކަ ފާހަގަކޮށް އަދި މަނިކުފާނަށް އެކަމުގައި ޖަވާބެއް ދެއްވުން އެދި ވާހަކަ ކުރުކޮށްލަން،" ކަމަށެވެ.
ނަމަވެސް، ސީދާ އެމަނިކުފާނަށް އަމާޒު ނުވާ ސުވާލުތަކަށްވެސް އާއްމުކޮށް މަޖިލިސް ތަޅުމުގައި ޖަވާބު ދެއްވާ މަޖިލިސް ރައީސް ނަޝީދު، ސައީދުގެ އެ ސުވާލަށް ޖަވާބެއް ނުދެއްވިއެވެ.
ވިދާޅުވީ، ޕާލަމެންޓްރީ ނިޒާމެއްގައި، އެގޮތަށް މަޖިލިސް ރައީސާ ސުވާލުކޮށް ޖަވާބު ދިނުމުގެ އުސޫލު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސާ ސުވާލު ކުރުމުގެ އެއްވެސް އިޖުރާއަތެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރުންނަށް ވަޒީރުންނާ ސުވާލު ކުރެެއްވިދާނެ ކަމަށާއި، ނަމަވެސް މަޖިލިސް ރައީސްގެ ކަމަކާ ގުޅޭ ގޮތުން މެންބަރަށް ސުވާލު ހުށަހެޅުއްވޭނީ މަޖިލިސް ކޮމިޓީއަކަށް ކަމަށާއި، ސީދާ އެމަނިކުފާނާ ސުވާލު ނުކުރެއްވޭނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ ނައިބު ރައީސް ފައިސަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވި ނަމަވެސް، ހަމަ އެދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ މަސްއޫލިއްތުތަކާއި ޒިންމާތަކާ އަލުން ހަވާލުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު