އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެ ކަމުގެ ބިރަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަރިސް ބޭފުޅުންނާއި އެނޫންވެސް މަހުޖަނުންގެ ބައެއް ޔޮޓުތައް ރާއްޖެއަށް މިސްރާބު ޖަހައިފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, ރަޝިއާއިން ޔޫކްރެއިނަށް އަރައި, ހަނގުރާމަ ކުރަން ފެށުމުން ޕުޓިންގެ އަރިސް މީހުންގެ މުދާ ހިފަހައްޓަން އެމެރިކާއިން ވަނީ ނިންމައިފައެވެ.

މި ނިންމުމާ ގުޅިގެން އެމެރިކާގެ އިހުތިސާސް ހިނގާ ސަރަހައްދުތަކާއި އެމެރިކާއާއެކު އެކްސްޓްރެޑިޝަން ޓްރީޓީ ހަދާފައިވާ ސަރަހައްދުތަކުގައި އެއިން މީހެއްގެ މުދާ ހުރި ނަމަ, އެ މުދަލެއް އެމެރިކާއަށް ހިފެހެއްޓޭނެއެވެ. ރާއްޖެއާއި އެމެރިކާއާ ދެމެދު އެކްސްޓްރެޑިޝަން ޓްރީޓީއެއް ނޯވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, އެކަމުގެ ބިރަށް ރަޝިއާގެ ހަތަރު ވަރަކަށް މަހުޖަނުންގެ ސުޕަ ޔޮޓްތައް ވަނީ ރާއްޖެ އަދި މޮންޓެނެގްރޯއާ ދިމާލަށް މިސްރާބު ޖަހައިފައެވެ.

ބައެއް އެހެން ރިޕޯޓުތައް ބުނާ ގޮތުން, ބައެއް ޔޮޓް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އޭގެ ތެރޭގައި ރަޝިއާގެ ދެވަނައަށް އެންމެ ބޮޑު މަހުޖަނު, ލަޑައިމާ ޕޮޓެނައިންގެ ސުޕަ ޔޮޓް ހިމެނެއެވެ.