އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެރަށުގެ ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.

މާޅޮހު ބަނދަރު މަޝްރޫއުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން މިއަދު ބުނީ ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާއިރު ބަނދަރުހެދުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 56.9 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތް ހިމެނެއެވެ.