ދެބަސްވުމާއި ނުނިޔަތުން އެކަހެރިވެ ޑިމޮކްރަޓިކް ދުޅަހެޔޮ ކެމްޕެއިނަކުން ކާމިޔާބު ހޯދުމުގައި ދެމިތިބުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިން ޓީމުން ސަޕޯޓަރުންނަށް އިލްތިމާސްކޮށްފިއެވެ.

"ހިންގާލަން" ކެންޕެއިން ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ މެންބަރުންނަކީ ވާދަވެރި ސިޔާސީ ނިޒާމަކަށް ފަރިތަ އަދި އެއްބަސްވުމަށްޓަކައި ދެބަސްވުމުގެ ތެރެއިން ޕާޓީ އާއި ގައުމަށް އެ ވަގުތަކަށް އެންމެ ލާބަހުރި ގޮތެއް ހޯދުމުގެ މޭސްތެރިން ކަމަށެވެ.

އަމާޒުވާ އަމާޒުބުންތައް ތަހަންމަލުކޮށް ކުރާ މުއާމަލާތްތަކުގައި ރިވެތި އަހުލާގާ އެކު ކެތްތެރިކަން އިސްކުރަމުންދާތީ އެމްޑީޕީ ހިންގާލަން ކުރަމުންދާ ކެމްޕެއިންގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައިވެސް ދެބަސްވުމާއި ނުނިޔަތުން އެކަހެރިވެ ޑިމޮކްރަޓިކް ދުޅަހެޔޮ ކެމްޕޭނަކުން ކާމިޔާބު ހޯދުމުގައި ދެމިތިބުމަށް އިލްތިމާސް ކުރަން. މިއަދު ދެކެން ޖެހޭ މަންޒަރަކީ ހުރިހާ ފަރާތްތަކާ އެކު ގުޅިގެން އެމްޑީޕީ ބާރަށް ހިންގާލެވޭ ދުވަހުގެ އުފާވެރި މަންޒަރު،" ބަޔާނުގައިވެއެވެ.

ފައްޔާޒުގެ ޓީމުން މި ބަޔާން ނެރެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ދިމާކޮށް ބައެއް މީހުން ސަރުކާރު ވަޒީފާތަކުން ވަކި ކުރާ ކަމަށްބުނެ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެފަރާތުގެ ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި ވަނިކޮށެވެ.