ރައްޓެއްސެއްގެ ޖަނާޒާގައި ބައިވެރިވުމަށްދިޔަ ދުވަހެކެވެ. އެކަކަށްވުރެ ގިނަ މީހުންގެ ޖަނާޒާ ކުރިއަށް ދިޔަ ދުވަހެކެވެ. ދުނިޔޭގައި ދެކޮޅު ނުހެދޭނެ އެންމެ ބޮޑު ހަގީގަތަކީ މިއީއެވެ. ސަހަރާތަކުން ކޮންމެ ދުވަހަކުވެސް ފެންނަ މިމަންޒަރުން ދޭހަވަނީ އެއްކަމެކެވެ. ހަނދާންކޮށްދެނީ ދެފިއްޔާއި ދެއަކުރުގެ އެންމެ ކަމެކެވެ. އެންމެ ގާތުގައި ވާނެ ދުރުމިން ކިހާ ހިސާބެއްކަން ފަހުމު ނުވާނެ، އެންމެ ދުރުގަ އެހެނަސް އަބަދުވެސް އެންމެ ގާތުގައިވާ ފަހަރެއްގައިވެސް ބައްދަލު ކުރަން ޖެހޭ ގަޑިއާއި ސާއަތް ހަނދާން ނުނެތޭ މަރެވެ.
ކޮންމެ މީހަކުވެސް ދުނިޔޭގެ ދިރިއުޅުމުގައި ދުވަސްތައް ހޭދަކުރަމުންދާނީ ވަރަށް ބައިވަރު އުއްމީދުތަކަކާއި ގިނަ ހުވަފެންތަކެއް ސީދާކުރުމުގެ މަސައްކަތް ކުރުމުގައެވެ. ދުނިޔެއިން ވޭތުވާ ކޮންމެ ދުވަހަކީ ކަލަންޑަރުގެ ސޮފުހާއިން ކަނޑާލެވޭ ގޮތަށް، އަމިއްލަ ހަޔާތުންވެސް ފަހަތަށް އުކައިލެވޭ ސޮފުހާއެކެވެ. އެސޮފުހާގައި ލިޔެވިފައި އޮތީ ކިތައް ކިތައް ކޮންކޮން ވާހަކަ ތަކެއްކަން އެއްވެސް ދޮގެއް ނެތި ސީދާސީދާ ސާފުކޮށް އެނގޭނެ ހަމައެކަނި އިންސާނަކީ ހުދު ތިމާއެވެ. ހަޔާތުން ފަހަތަށް އުކޭ ސޮފުހާގައި ވާ ހަގީގަތް ހެއްދެވި ފަރާތް ފިޔަވައި އެނގޭނެ ހަމައެކަނި މީހަކީ ހުދު ތިމާއެވެ. އެހެން މީހުންނަށް އިވޭނީ އަދި ފެންނާނީ ތިމާ ދެއްކި އެއްޗެކެވެ. ކިތަންމެ ބާރަށް އަޑުގަދަ ކޮށްފައި މިވެނި އެވެނި މީހާގެ ހުރިހާ ސިއްރެއް ތިމަންނާއަށް އެނގެއޭ ބުންޏަސް އެއީ ހަމަ ކަނޑައެޅިގެން ދޮގެކެވެ. އެހެނީ އެއީ ވާނެކަމަކަށް ނުވާތީއެވެ. އެއްވެސް މީހަކަށް އަނެއްމީހާގެ ހުރިހާ ސިއްރެއް ނުވަތަ އަނެއް މީހާގެ ހުރިހާ ހަގީގަތެއް ނޭނގޭނެއެވެ. އެހެނެއް ނޫނެވެ. ގިނަ ބަޔަކަށް ނޭނގޭ އެއްޗެއް އެނގޭ މީހަކު ހުރެދާނެއެވެ. ބަޔަކަށް އެއްވެސް ވަރަކަށް ނޭނގޭ ސިއްރެއް އެނގޭ އެކަކު ހުރެދާނެއެވެ. އެކަމަކު އެއީވެސް ހުރިހާ ހަގީގަތެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެއެވެ.
ދުނިޔޭގެ ތެރެއިން ފެންނަމުންދާ އެކިކަންތަކުގެ ތެރެއިން ފެށުނީއްސުރެ އަދާ ހަމައަށް، އަދި ދެންވެސް އަބަދުވެސް، ދުނިޔެ ދެމި އޮތްހާ ހިނދަކު ފެންނަ އެކަމަކާ ދެކޮޅު ނުހެދޭނެ ބޮޑު ހަގީގަތަކީ މަރު ކަން ގައިމެވެ. މަރަކީ އެއާއި ދެކޮޅު ނުހެދޭނެ ފަދައިން އެއަށް ނުވެސް ފިލޭނެ އެއްޗެކެވެ. ފުރާނަ އެޅި ވުޖޫދަށް އައި ކޮންމެ ދިރިހުރި އެއްޗަކަށް ނިމުމެއް އާދެއެވެ. ގަހަކަސް، މަހަކަސް، ޖަނަވާރަކަސް، ދޫންޏަކަސް އަދި އިންސާނަކަސް، ފުރާނަ އަޅުއްވައިފި ކޮންމެ މަހުލޫގަކަށްވެސް ނިމުމެއް އަންނާނެއެވެ. މިއީ މިކަމާ ދެކޮޅު ނުހެދޭނެ ބޮޑު ހަގީގަތެކެވެ.
މިއަދު ސައިންޓިސްޓުން، ތަފާތު އެކި ބާވަތްތަކުގެ ތަޖުރިބާކޮށް، މީހުންގެ ހަށިގަނޑުގެ އެކި ގުނަވަންތައް ގުޅުވައި އަލުން އާ މީހަކަށް އެމީހާ ބަދަލު ކުރުމަށް ކުރަމުން އަންނަ ހުއްޓުމެއް ނާންނަ މަސައްކަތްތަކުގެ ތެރޭގައި ދިރިހުރި ސިކުނޑިތައް ގަނޑުކޮށްފައި ބަހައްޓާފައި އެބަހުއްޓެވެ. އެގޮތަށް ގަނޑުކޮށްފައިވާ ސިކުނޑި، ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ދިރިހުރެފައިމެ ސިކުނޑި މަރުވާ މީހުންގެ މަރުވި ސިކުނޑީގެ ބަދަލުގައި ލައްވައި މުޅިން އާ މީހަކަށް ބަދަލުކުރެވިދާނެ ކަމުގެ އުއްމީދުގައި މީހުން ސިކުނޑިތައް 'ކްރަޔޮޖެނިކްސް'އިންސްޓިޓިއުޓުތަކުގައި ގަނޑުކޮށްފައި އެބަހުއްޓެވެ. މިފަދަ މަސައްކަތްތަކުގެ ތެރެއިން ކިޑުނީ، ހިތް ފަދަ ގުނަވަންތަކުގެ ޓްރާންސްޕްލާންޓް ކުރެވޭއިރު މިއަދާ ހަމައަށް ފުއްޕާމޭ، ގޮހޮރު، ޗިސްމޭފަދަ ގުނަވަންތަކެއްގެ ޓްރާންސްޕްލާންޓް ނުކުރެވެއެވެ. އަދި ހާއްސަކޮށް ސިކުނޑީގެ އެއްވެސް ޓްރާންސްޕްލާންޓެއް އަދި ނުކުރެވެއެވެ. ސަބަބުތަކާއި ގޮން ޖެހުންތައް ބައިވަރެވެ. ނަމަވެސް ސައިންޓިސްޓުން މިފަދަ އެކި މަސައްކަތުގެ ބެލުންތަކާއި ހޯދުންތައް އަދިވެސް ކުރިއަށް އެބަދެއެވެ. ކޮންސަބަބަކާހެދިތޯއެވެ؟ އާއެކެވެ. އުއްމީދުގެ އެހީގައެވެ.
ދުނިޔޭގައި އެންމެ ފުރަތަމަ ކްރަޔޮނިކަލީ ޕްރިޒާވް ކުރި ފުރަތަމަ ހަށިގަނޑަކީ ޔުނިވަސިޓީ އޮފް ކެލިފޯނިޔާ، ބާކްލޭގެ ސައިކޮލޮޖީޕްރޮފެސަރު ޑޮކްޓަރު ޖޭމްސް ހިރަމް ބްރެޑްފޯޑެވެ. އެއީ މީގެ 1967ގައި ކެންސަރުން ފަނާވި މިހަށިގަނޑު އަލްކޯ ލައިފް އެކްޓެންޝަން ފައުންޑޭޝަންގައި އަދިވެސް ރައްކާތެރިކަމާއެކު ގަނޑުކުރެވިފައި އެބަހުއްޓެވެ.
އެމެރިކާގައި 2016ވަނަ އަހަރު ހިނގާދިޔަ ސާދަ އަހަރުގެ އަންހެންކުއްޖާގެ ވާހަކައަކީ ހައިރާންވެ އަންތަރީސް ވާވަރުގެ ވާހަކައެއްކަން ޔަގީނެވެ. ކެންސަރުގެ ވޭނާ ހަނގުރާމަ ކުރަމުން މަރާ ހަމައަށް ގޮސް ފަސްގަނޑުދަށުގައި ދާއިމަށް ފޮރުވޭނެކަމުގެ ޔަގީންކަން އެ އަންހެންކުއްޖާއަށް އޮތެވެ. އޭނާއަށްވެސް ޔަގީންވާ އެއް ކަމަކީ މަރަކީ އަސްލެއް ކަމެވެ. އެއީ ހަގީގަތެއްކަން އޭނައަށްވެސް ޔަގީނެވެ. މަރަށް ނުފިލޭނެކަންވެސް ކައިރާ ގަބޫލު ކުރެއެވެ. ހިތުގެ އަޑިން އޭނާ މި ހަގީގަތް ގަބޫލު ކުރާތީ، ދުނިޔޭގައި އުޅުމުގެ އެދުމަށް އޭނާގެ ހިތުން އެދެމުން ގޮވަމުން ދިޔަ އެގޮވުމަށް އިޖާބަ ދޭން ނަފުސު އެއްބަސްވީއެވެ.
މިއަދު ދުނިޔޭގައި ނުކުރެވެނީ ކޮންކަމެއް ހެއްޔެވެ. ސައިންސާއި ޓެކްނޮލޮޖީ އަދިވެސް އިތުރަށް ހޯދުންތައް ހޯދަނީއެވެ. އެތަކެއް ހައިރާންވެ އަޖާއިބުވާވަރުގެ ކަންތައްތައް ހޯދަމުން ދުނިޔެއަށް ސާބިތު ކޮށްދެމުން އަންނަ ޓޭކްނޮލޮޖީ އާއި ސައިންސްގެ ދުނިޔޭގައި ކުރަމުން އަންނަ ބޮޑު އެއް މަސައްކަތަކީ "ކްރަޔޯޖެނިކްސް"ގެ މަސައްކަތެވެ. މިމަސައްކަތުގެ ހޯދުންތަކުގެ ތެރޭގައި އައިވީއެފްއަކީ ކާމިޔާބުވެފައިވާ ކަމެކެވެ. ކްރަޔޮޖެނިކްސްގެ މަސައްކަތުގައި ކުރާ ކަމަކީ މީހާގެ ހަށިގަނޑުގެ އެކި ގުނަވަން މަރުވުމުން، އެގުނަވަން އެހެން ހަށިގަނޑަކުން ގެނެސް މަރުވި ގުނަވަނުގެ ބަދަލުގައި އަނބުރާ ދުނިޔެއަށް ގެނައުމަށް ކުރެވޭ މަސައްކަތެވެ. މި މަސައްކަތް ކުރެވެމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ކްރަޔޮޖެނިކްސްގެ ނަމާއި މިކަމުގެ ވާހަކަ އާންމުކޮށް ދުނިޔޭގެ ގިނަ މީހުންނަށް އެނގެންފެށީ 2002 ވަނަ އަހަރު މަޝްހޫރު ރެޑްސޮކްސް ސުޕަސްޓާ އަދި ބޭސްބޯލްގެ ދުނިޔޭގަ މަގުބޫލު، ޓެޑްވިލިއަމްސް، އޭނާގެ ބޯ ކްރަޔޮޖެނިކްސް އަށް، ގަނޑު ކުރި ވާހަކަ ހަބަރުތަކުގައި ލިޔެ، ހަބަރުތަކުން ސައްހަ ކަމުގެ ޔަގީންކަން ހުރި ހެކިތަކާއެކު ކިޔަން ފެށި ހިސާބުންނެވެ.
ސާދަ އަހަރުގެ އެމެރިކާ އަންހެން ކުއްޖަކު އޭނާއަށް ކެންސަރު ޖެހިފައިވާ ކަމަށާއި އެބަލީގައި ނިމި، ފަސްގަނޑު އަޑީގަ ވަޅުލެވެން އޭނާ ނޭދޭ ކަމަށް ބުނެ އެމެރިކާގެ އެންމެ ވަރުގަދަ ފަނޑިޔާރަށް ލިޔުނު ސިޓީގައި ވެއެވެ. "އަހަރެންގެ އުމުރަކީ އެންމެ ސާދަ އަހަރެވެ. އަހަރެން އަދި މަރުވާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެން މަރުވަނީކަން އަހަންނަށް ޔަގީނެވެ. އަހަންނަށް ހީވަނީ، އަހަރެން މަރުވުމުގެ ކުރިން، ކްރަޔޮޖެނިކަލީ ރިޒާވް ކުރެވިއްޖެއްޔާ އަހަންނަށް އަލުން ދުނިޔޭގައި އުޅެވޭނެހެނެވެ. ސައިންސްވެރިން ކެންސަރަށް 100 އަހަރު ފަހުން ވިޔަސް ކެންސަރަށް ފަރުވާއެއް ހޯދުމުން އަހަރެން ހޭލައްވައި ފަރުވާދެވި އަހަރެން ރަނގަޅު ކުރެވިދާނެހެނެވެ."
އަންހެންކުއްޖާގެ މިސިޓީއަށް އެތައް މައްސަލަތަކެއް ކުރިމަތިވިއެވެ. ކޯޓުގައި މިމައްސަލައިގައި ފަނޑިޔާރުންގެ ނިންމެވުމުގެ ބާރު ދެއްވީ އަންހެންކުއްޖާގެ މައިންބަފައިންނަށެވެ. ހާލަތު ނިޔާކުރި ގޮތުން އޭނާގެ ބައްޕައާއި މަންމަ ވަރިވުމަށްފަހު އުޅެމުން ދިޔައީ ވަކިންނެވެ. ބައްޕަ އެކަމާ ދެކޮޅު ހެދުމުން އަންހެންކުއްޖާ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ކޯޓުން އެބާރު ދިނީ މަންމައަށެވެ. އަދި މަންމަ ހަފުތާއެއްވީތަނާހެން މަރުވެއްޖެއެވެ. އޭގެ ފަހުން ހައިކޯޓުން 2016ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދުވަހެއްގައި އަންހެންކުއްޖާއަށް މިހުއްދަ ދެވިއްޖެއެވެ.
އެމެރިކާގެ 'ކްރަޔޮނިކްސް އިންސްޓިޓިއުޓް'ގައި ހަށިގަނޑު ގަނޑުކޮށްފައި ބާއްވައިދިނުމަށް ސާދަ އަހަރުގެ މި އަންހެންކުއްޖާ ލިޔެ އާދޭސްކޮށް ފަނޑިޔާރަކަށް ހުށަހެޅި ސިޓީގައި އޭނާ އެދިފައި އެވާ ގޮތަށް ހަށިގަނޑުތަކެއް ކުރިންވެސް މިތާނގައި ބެހެއްޓިފައި ވެއެވެ. އެއްވެސް މީހަކަށް ޔަގީނުންވެސް މިވެނި އެވެނި ދުވަހަކު އެތާނގައި ބެހެއްޓިފައިވާ ހަށިގަނޑުތައް އަނބުރާ ހޭލައްވާލެވޭނެއޭ ބުނެވޭކަށް ނެތެވެ. އެހެނެއްކަމަކު ސަރުކާރުގެ ހުއްދައާއެކު ސައިސްވެރިން އަންނަނީ ހަށިގަނޑުތަކާއި ގުނަވަންތައް ގަނޑުކޮށް އަނބުރާ އެގުނަވަންތަކަށް ނުވަތަ ހަށިގަނޑުތައް ނިދިން ހޭލެއްވުމުގެ މަސައްކަތް ކުރަމުންނެވެ. މިއަންހެންކުއްޖާގެ ހަގީގީ ނަމާއި ވަނަވަރެއް އެމެރިކާގެ ސަރުކާރުން ސީދާ ހާމަކޮށްފައެއް ނުވެއެވެ. 95އެއްހާ ހަށިގަނޑު ނިންދަވައި ގަނޑުކޮށްފައިވާ މިޝިގަންގެ މިއިންސްޓިޓިއުޓުގެ އެތެރޭގައިވާ ކްރަޔޮސްޓެޓް ޗެމްބާތަކުގެ ތެރެއިން ކޮންމެވެސް އެކައްޗެއްގެ ތެރޭގައި ސާދަ އަހަރުގެ މި އަންހެންކުއްޖާގެ ހަށިގަނޑުވެސް މިއަދު ގަނޑުކުރެވިފައި އެބައޮތެވެ. މައިނަސް 190 ޑިގްރީގައި ރައްކާކުރެވިފައިވާ މިއަންހެންކުއްޖާގެ ހަށިގަނޑު އެވަނީ ކޮންމެވެސް ދުވަހަކުން ކެންސަރަށް ފަރުވާއެއް ހޯދިއްޖެނަމަ އަނބުރާ ނިދިން ހޭލައްވައި އެފަރުވާ ދީ ދުނިޔޭގައި އުޅުމަށް ފުރުސަތެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. 37000އަށްވުރެ ގިނަ ޕައުންޑު ހަރަދު ހިނގާނެ ފަރުވާއެއްކަމަށް ލަފާ ކުރެވޭ ކެންސަރުގެ އެފަރުވާ ހޯދޭނީ ކޮން އަހަރެއްގެ ކޮން ގަޑިއެއްގައި ކަމެއް އެކަކަށްވެސް ނޭނގެއެވެ. ހަމައެހެންމެ އެފަރުވާ ހޯދުމަށްފަހު މިއަންހެންކުއްޖާގެ ނިންދަވާފައި އެވާ ހަށިގަނޑު އަނބުރާ ހޭލައްވައި ފަރުވާ ދެވި ސަލާމަތުން އޭނާ ދުނިޔޭގައި ހުންނާނެކަމުގެ ޔަގީންކަމެއް އެކަކަށްވެސް ނެތެވެ. އެކަމަކު.....އާނއެކެވެ. އެކަން އެހެން ވެދާނެކަމުގެ އުއްމީދުގައި މަސައްކަތްކުރަނީއެވެ.
ދުނިޔޭގެ އެތައް ގައުމެއްގައި ވެންޓިލޭޓާ ތަކުގައި މެޝިނުން ނޭވާލައްވާފައި، ހިތުގެ ހިންގުން މެޝިނުން ހިންގާ ކިތަންމެ ހަށިގަނޑުތަކެއް ހަމަ އެންމެ އުއްމީދެއްގެ އެހީގައި ބޮޑެތި ހޭދަކޮށްގެން އެބަ ގެންގުޅެވެއެވެ. ހިތަށްވެސް ނާރާވަރުގެ ހަރަދުތައް ކޮށްގެން ދުނިޔޭގެ އެހެން ހުރިހާ އުފަލަކަށްވުރެ އެފުރާނަ މުހިންމުވާތީ، މިފަދަ މެޝިންތަކުގައި ހަށިގަނޑުތައް ގެންގުޅެމުން އެދަނީ ކީއްވެގެންތޯއެވެ. މަދު ފަހަރެއްގައި އެތައް އެތައް އަހަރަކަށް ފަހު އަދި ހަމަ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައިވެސް މިފަދަ މެޝިންތަކުގައި ތިބޭ ހަށިގަނޑުތައް މަސައްކަތް ކުރަން ފަށާފައި އެބަހުއްޓެވެ. ކޯމާއިން އަނބުރާ ނައިސް ހަށިގަނޑުގެ އެތެރޭގެ ހުރިހާ ގުނަވަންތަކެއް ފެއިލިވެ ހަމައެކަނި މެޝިނުގެ އެހީގައި ނޭވާ ލައްވައިގެން ބައިތިއްބާފައި ތިބޭ މީހުންވެސް މަދެއް ނޫނެވެ. މިއިން ކޮންމެ ކަމަކީވެސް ހަމަ އެންމެ އުއްމީދެއްގެ އެހީގައި ކުރެވޭ ކަންތައްތަކެވެ.
ކޮންމެއަކަސް ދުނިޔޭގައި ކަންކަން ހިނގާ އުސޫލުތަކުގެ ތަފާތު އެކި ބަދަލުތައް އައިސް ގޮސްވިޔަސް އެއްކަމެއް ހަމަ އެއޮތްގޮތަށް ބަދަލެއް ނައިސް އޮންނާނެކަން ޔަގީނެވެ. އެއީ ކަންތަކަށް ކުރެވޭ ކުރާ އުއްމީދާއި މަރެވެ. ދުނިޔޭގައި ދުވަސް ހޭދަކުރަމުން އަންނަނީ އުއްމީދުގެ އެހީގައެވެ. އަދި އެއުއްމީދު ހުއްޓެނީ ފަސްގަނޑުދަށަށްލައި ފޮރުވާލުމުންނެވެ. މިއީ ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭ އަދި ދެކޮޅު ނުހެދޭނެ ސާފުދެފުށް ފެންނަ ދުނިޔޭގެ އެންމެ ހިތި ކަޅު ހަގީގީ ބޮޑު ތެދެވެ. އެހެންނޫންތޯއެވެ؟
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް