ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއަށް އަނބުރާ ހަވާލުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމެވެ.
ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޫމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓު ދިނީ 2013 ގައެވެ. އެއީ 50 އަހަރު ދުވަހަށެވެ. ނަމަވެސް އެތަނުގެ އެއްބަސްވުން ބާތިލުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން 2017 ވަނަ އަހަރު އެ ތަން އަތުލިއެވެ. އެތަން ވިލާ އެއާގެ އަތުލީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ވިލާ އެއާއިން ސިވިލް ކޯޓުގައި ދައުވާކުރުމުން ސަރުކާރުން އެއްްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެތަން އަލުން ވިލާ އެއާއަށް ދިނުމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރިއެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ދެކޯޓުންވެސް ނިންމީ ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއަށް އަނބުރާ ދިނުމަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މެއި 10، 2021 ގައެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް އެ އެއާޕޯޓް އޮތީ ވިލާ އެއާއާ ހަވާލުނުކޮށެވެ. އެހެންކަމުން މިއަދާ ހަމައަށްވެސް އެ އެއާޕޯޓް ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.
ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިދިޔަ ނޮވެމްބަރު މަހު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވިދާޅުވި ގޮތުން، ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި، އެތަން ތަރައްގީކުރުމުގެ ބަދަލުގެ ގޮތުން ރަށެއް ދޭން ޖެހޭނެ ކަމަށް ބުނެފައި އޮވެއެވެ.
ނަމަވެސް އެރަށް އޮތީ ސަރުކާރުގެ ބޭނުމަށް ހިމާޔަތް ކުރެވިފައި ކަމުން، ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ ހަވާލު ނުކުރެވި ލަސްވަނީ އޭގެ ބަދަލުގައި ދޭނެ ރަށެއް ނުނިންމިގެންނެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ މިއަދު ހަވާލުކުރީ ބަދަލުގައި ކޮން ރަށެއް ދީފައިތޯ ސާފުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއާ ސުވާލުކުރުމުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު