ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓު ބެހެއްޓޭނެ މުއްދަތެއް ދިނުމަށްފަހު މާލެސިޓީގެ މަގުތަކުގައި ޕާކިން ސަރަހައްދު ބްލޮކްވާ ގޮތަށް ހުންނަ ޕެލެޓުތައް ނަގަން މާލެސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން އިއްޔެއިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް "ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި އެ ކައުންސިިލަށް ހުށަހެޅުމުން ޕާކް ކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" ކުރަހައިދޭނެ ކަމަށެވެ.

އޭގެ އިތުރުން ފިހާރަތަކަށް މުދާ ލޯޑު ކުރުމާއި އަންލޯޑު ކުރުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތަކަށް އެ މުއްދަތުގެ ތެރޭގައި މިކައުންސިލަށް ހުށަހެޅުއްވުމުން ސަރަހައްދު ޗެކުކުރުމަށްފަހު، ސްލޮޓު ހަމަޖައްސައިދެވޭ ތަނެއްކަމުގައިވާނަމަ، ކުލި ނަގައިގެން ސްލޮޓު ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުގެ ހުއްދަ ނެތި މިތަންތަނުގެ ކުރިމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތައް މިމުއްދަތުގެ ފަހުން ނަގާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

މާލެސިޓީގައި ހުންނަ ޕާކިން ޒޯންތައް ބްލޮކްވާހެން ޕެލެޓު ބަހައްޓާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެންކަމުން ރޯދައިގެ ކުރިން މިކަމަށް ހައްލެއް ގެންނާނެ ކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މީގެ ކުރިންވެސް މާލޭގެ މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުރި ޕެލެޓުތައް ސިޓީ ކައުންސިލުން ވަނީ ނަގާފަ އެވެ.