އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ހައި ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ދެހާސް އަށާރަ ވަނަ އަހަރު އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާ އޭނާގެ ޅިއަނު ގަދަކަމުން ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި މައްސަލަ ބެލި މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ނިންމީ ކުޑަކުއްޖާ ތަހުގީގަށް ދީފައިވާ ވީޑިއޯ އިންޓަވިއުތަކުގައި އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ އަސަރު މޫނު މަތިން ފެންނަން ނެތުމުން އެއީ އެ އުމުރުގެ ކުއްޖަކަށް ހަދައިގެން ދެއްކި ދާނެ ފަދަ ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވޭތީއެވެ. އަދި އެ މައްސަލަ ހުށަހަޅާފައިވަނީ ފިރިހެން މީހާއާ ދެކޮޅުވެރިކަމެއް އޮތުމުން ބަދަލުހިފުމުގެ ނިޔަތުގައި ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ކޯޓުން ކުރި ހުކުމުގައިވެއެވެ.
އެ މައްސަލަ ފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ޕީޖީން އޮފީހުން ހައި ކޯޓުގައި ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ހުކުމްކުރީ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ހުއްޓައި، އެއަށް ރިއާޔަތް ނުކޮށް ކަމަށެވެ.
މީގެ އިތުރުން އެ މައްސަލަ ހުށަހަޅާފައިވަނީ ފިރިހެން މީހާއާ ދެކޮޅުވެރިކަމެއް އޮތުމުން ބަދަލުހިފުމުގެ ނިޔަތުގައި ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނި ނަމަވެސް އެކަން ސާބިތުކުރުމަށް އެ ފަރާތުން ހެކި ހުށަހަޅާފައިނުވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުމުގެ ކުށް އަބްދުﷲ ސާލިމްގެ މައްޗަށް ސާބިތުވާތީ ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރުމަށެވެ. ހައި ކޯޓުން ސާލިމްގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެގޮތަށް ހުކުމް ކުރެއްވީ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު