ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މާލެ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެމްބަރު އައިމިނަތު އީމާން އީމާން ނިޔާވި ކަމަށް އަދި ނުނިންމާ ކަަމަށް އޭނާއަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން މިހެން ބުނީ އީމާން ނިޔާވި ކަމަށް ބުނެ މިއަދު މީޑިއާތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ. މީޑިއާތަކުން އެގޮތަށް ރިޕޯޓުކޮށްފައި ވަނީ އާއިލާގެ ބައެއް ފަރާތްތަކާއި މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލުންނާ ހަވާލާދީއެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ދެންމެ "ވަން" އަށް ވިދާޅުވީ އީމާން އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އީމާން މަރުވި ކަމަށް ޑޮކްޓަރުން ނިންމާފައިނުވާ ކަމަށެވެ.
"ޑޮކްޓަރުން އަދިވެސް ޑެތް ޑެކްލެއާ ނުކުރެ. އަދިވެސް އޮތީ ވެންޓިލޭޓަރުގަ،" އައްފާލް ވިދާޅުވިއެވެ.
ހުޅުމާލޭ ކުރެދިމާ ހިނގުމުން ދުއްވާފައި ދަނިކޮށް، އިއްޔެ ހަވީރު 4:25 ހާއިރު އީމާން އެކްސިޑެންޓުވީ އެ މަގުގައި ބަންޕަރެއް އޮތްކަން ނޭނގި، އޭގެ މަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ކަހާލައިގެން ވެއްޓިއެވެ.
އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ކްރިޓިކަލް ކަމުން، ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިއެވެ.
އެކްސިޑެންޓުގައި އީމާންގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ އިރު، އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
- މީގެ ކުރިން ރިޕޯޓް ކުރި ހަބަރުގައި އެކްސިޑެންޓުވި ފަރާތް ނިޔާވި ކަމަށް ލިޔެވިފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ އޮފިޝަލުންނާއި އާއިލާގެ ބައެއް މީހުންނަށް ލިބުނު މައުލޫމާތުގެ ކުށަކުންނެވެ. އެކަމަށްޓަކައި މި ނޫހުގެ ފަރާތުން ހަބަރުގައި ހިމެނޭ ފަރާތުގެ އާއިލާ އަދި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު