ޔޫކްރޭންގައި ތާށިވެފައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ޔޫކްރޭންގައި ތިބި ދިވެހިންގެ ހާލަތާ ގުޅޭ މައުލޫމާތުދެމުން ފޮރިން މިނިސްޓްރީން މިއަދު ބުނީ، އެގައުމުގައި ތަކެތީގެ އަގު އުފުލެމުން ދިއުމާ ގުޅިގެން، އެގައުމުގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރަޝިއާއިން ޔޫކްރޭނަށް ހަމަލާދީ ހަނގުރާމަ ފަށާފައިވާ އިރު، އެގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޔޫކްރޭންގައި މިވަގުތު 12 ދިވެހިން ނުފުރި ތިބި އިރު، އެމީހުން ރާއްޖެ ގެނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ނަމަވެސް އެގައުމުގެ އިވާނޯ ފްރެންކިވްސްކްގައި ތިބި 15 ދަރިވަރަކު ހަންގޭރީއަށް ގެންގޮސް، އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޔޫކްރޭނުގައި ތިބި ދިވެހިންގެ ތެރެއިން ތިން މީހުންގެ އާއިލާ، މިހާރު ދަތުރުކުރަމުން އަންނަނީ ޔޫކްރޭނުގެ ހުޅަނގު ބޯޑަރާ ދިމާލަށް ކަމަށާއި އެމީހުން އަމިއްލައަށް ކަންކަން ހަމަޖައްސައިފައިވާ ކަމަށެވެ. އަދި ބާކީ ތިބި ދަރިވަރުން ތިބީ ޔޫކްރޭނުގެ އުތުރުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމެއިދު ވިދާޅުވީ، ޔޫކްރޭނުގައި ތިބި ދިވެހިން ހަންގޭރީގެ ބޯޑަރާ ހަމައަށް ދިއުމަށް ގާތްގަނޑަކަށް 16 ގަޑިއިރު ނަގާނެ ކަމަށާއި ޓްރެފިކް ހުރި ގޮތުން ދަތުރު ދިގުވެސް ވެދާނެ ކަމަށެވެ.
"ޔޫކްރޭންގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެގައުމުގައި ހުންނަވާ އޮނަރަރީ ކޮންސުލް އިން ޔޫކްރެއިންގައި މިވަގުތު ދިގު ދަތުރެއް ކުރުމަށް ނުކުތުމީ އެހާ ރައްކާތެރިކަމެއް ގޮތުގައި ނުފެންނަ ކަމަށް ލަފާދެއްވާ. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށްވާތީ، ރައްކާތެރި ގޮތުގައި އެ ދަތުރު ކުރެވޭނެ މަގެއް ފަހިވިހާ އަވަހަކަށް ހަންގޭރީއަށް ވަނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" ހުމެއިދު ވިދާޅުވިއެވެ.
- ކިއެވްގައި ތިން ދިވެހިން
- ހަރްކީވްގައި އަށް ދިވެހިން
- ނިޕްރޯގައި އެއް ދަރިވަރަކު
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ، ޔޫކްރޭންގައި ތިބި 12 ދިވެހިންގެ އިތުރުން ރަޝިއާގައި 88 ދިވެހި ދަރިވަރުން އަދި ބެލަރޫސްގައި 137 ދިވެހި ދަރިވަރުން އެބަ ތިބި ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ބެލަރޫސްގައި ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ދިވެހި ސަރުކާރުން އެހީވާނެ ކަމަށެވެ. އަދި ބެލަރޫސްގައި ތިބި ދަރިވަރުންގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު