ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށި މައްސަލައިގައި، ރަޝިއާގެ ކްލަބުތަކާއެކު ގައުމީ ފުޓުބޯޅަ ޓީމުވެސް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފިއެވެ.

ޔޫއެފާއިން ރަޝިއާގެ ކްލަބުތައް ސަސްޕެންޑް ކުރަން ނިންމާފައިވާ އިރު، ފީފާއިން ވަނީ ރަޝީއާގެ ގައުމީ ޓީމު ސަސްޕެންޑް ކުރިކަން އަންގައިފައެވެ. ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަޝިއާގެ ކްލަބުތައް ސަސްޕެންޑް ކޮށްފައިވަނީ "ވަކި އެއްޗެއް އަންގަންދެން،" ކަމަށެވެ.

ރަޝިއާގެ ގައުމީ އަންހެން އަދި ފިރިހެން ޓީމު ސަސްޕެންޑް ކުރުމާއެކު އަންނަ މަހު ފިރިހެން ޓީމު ކުޅެން އޮތް ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ފައިނަލް ބުރުގައި ރަޝިއާ ނުކުޅޭނެއެވެ. އޭގެ އިތުރުން ރަޝިއާގެ ކްލަބު ސްޕާޓަކް މޮސްކޯއިން ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅެން އޮތް ދެ ލެގުވެސް ކެންސަލްވާނެއެވެ. ޔޫއެފާއިން ރަޝިއާ ކްލަބުތައް ސަސްޕެންޑް ކުރަން ނިންމި ނިންމުމާއެކު އާރްބީ ލެއިޕްޒިގަށް ވަނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ޔަގީންވެފައެވެ.

ގައުމީ ޓީމާއި ކްލަބުތައް ސަސްޕެންޑް ކުރުމުގެ އިތުރުން ޔޫއެފާއިން ވަނީ ރަޝިއާގެ ހަކަތަ އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ގެޒްޕްރޮމްއާއެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުންވެސް އުވާލައިފައެވެ.

ޔޫއެފާއާއި ފީފާ އެކުވެގެން މިރޭ ނެރުނު ބަޔާނުގައި ބުނީ ފުޓުބޯޅަ އެކީ އޮތީ ޔޫކްރެއިންއާއެކުގައި ކަމަށާއި، އުންމީދަކީ ފުޓުބޯޅައަކީ ދުނިޔޭގެ ސުލްހަ ގާއިމުވުމަށް މެދުވެރިވާނެ ސަބަބަކަށް ވުން ކަމަށެވެ.

ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ގައުމުތަކާއި، އެމެރިކާ ފަދަ ވަރުގަދަ ބާރުތަކުން ދަނީ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނޭޓޯއިން ރަޝިއާއާ ދެކޮޅަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރުމަށް ނިންމާފައިވާ އިރު، ރަޝިއާގެ މުޅި މަންޒަރު ހަޑިކޮށްލުމަށް މީޑިއާތަކުންވެސް ވަނީ ހާއްސަ ކެމްޕޭނެއް ފަށައިފައެވެ.

ރަޝިއާގެ ބޮއިކޮޓް ކެމްޕޭން ފުޅާކުރުމަށް ކުޅިވަރު އޭގެ ތެރެއަށް ވަރަށް ބޮޑަށް ވައްދަމުންދާތަން ފެންނަމުންވެސް ދެއެވެ. އެގޮތުން ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ހުރިހާ ކްލަބުތަކަކުން ކަހަލަ ގޮތަކަށް ޔޫކްރެއިންއަށް ހިތްވަރު ދީ، ރަޝިއާއިން ކުރަމުންދާ ހަނގުރާމައަކީ ލާއިންސާނީ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

އެ މައްސަލަތަކަށް ބަލައި ފުރަތަމަ ފީފާއިން ރަޝިއާއަށް އެންގީ އަންނަ މަހު އޮތް ކޮލިފިކޭޝަން މެޗުތައް ކުޅެން ޖެހޭނީ ރަޝިއާއިން ބޭރު، ނިއުޓްރަލް ދަނޑުތަކުގައި ކަމަށެވެ. އެގޮތުން ވަކި މުއްދަތެއް ވަންދެން ރަޝިއާގައި ފީފާގެ އެއްވެސް މެޗެއް، އަދި ހަރަކާތެއްވެސް ނުބާއްވާނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކުރިން ފީފާއިން ބުނީ މެޗުތައް ކުޅޭ ޖާޒީގައި ރަޝިއާގެ ދިދައާއި ލޯގޯ ބޭނުން ނުކުރެވޭނެ ކަމަށާއި، ރަޝިއާ ޓީމު ކުޅެންވެސް ޖެހޭނީ ރަޝިއާގެ ނަމުގައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުން ކުރަން ޖެހޭ ޓީމު ނަމަކީ ފުޓުބޯޅަ ޔޫނިއަން އޮފް ރަޝިއާ ކަމަށްވެސް ފީފާއިން ވަނީ އަންގައިފައެވެ. ފީފާއިން އޭރު ބުނެފައި ވަނީ ރަޝިއާގެ ގައުމީ ސަލާމްވެސް ފީފާގެ އެއްވެސް އިވެންޓެއް، އަދި މެޗެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެފަދަ ފިޔަވަޅުތަކެއް އަޅަން ފީފާއިން ފުރަތަމަ ނިންމުމާއެކު، އެ ފިޔަވަޅުތަކަށް ހިތްހަމަނުޖެހި ޔޫރަޕްގެ ގައުމުތަކުން ވަނީ ފީފާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ހާއްސަކޮށް ފުޓުބޯޅަ ލެޖެންޑުން ވަނީ ފީފާއާ ދެކޮޅަށް ބަސް ބުނެފައެވެ. ބެލެވޭ ގޮތުގައި ފީފާއިން ރަޝިއާ ސަސްޕެންޑް ކުރަން ނިންމީ އެ ޕްރެޝަރު ބޮޑުވެގެންނެވެ.

ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް އެންމެ ފަހު މެޗުތައް އަންނަ މަހު ކުޅޭ ގޮތަށް ނިންމާފައިވާ އިރު، ރަޝިއާ ހިމެނޭ ޕްލޭ އޮފް ބްރެކެޓްގައި ހިމެނެނީ ސްވިޑެން އާއި ޗެކު ރިޕަބްލިކްގެ އިތުރުން ޕޮލެންޑެވެ. ރަޝިއާ އާއި ޕޮލެންޑު ކުޅޭ ފުރަތަމަ މެޗު އަންނަ މަހު 24 ވަނަ ދުވަހަށް ތާވަލު ކޮށްފައި އޮތް އިރު، އެ މެޗު މިހާރު ނުކުޅޭނެއެވެ.

ޔޫކްރެއިންވެސް އޮތީ ޔޫރަޕިއަން ޕްލޭ އޮފްގައެވެ. ޔޫކްރެއިންވެސް އަންނަ މަހު 24 ވަނަ ދުވަހު ފުރަތަމަ މެޗު ކުޅެން އޮތް އިރު، އެ މެޗު އޮތީ ސްކޮޓްލޭންޑާ ދެކޮޅަށް ސްކޮޓްލޭންޑުގައެވެ. ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށް ފްލައިޓުތައް ހުއްޓުމަކަށް އައިސްފައިވާ އިރު، އެ މެޗުތަކާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.