މާލޭގެ ފަސް ސަރަހައްދެއްގައި މިކްސްޑް ޔޫސް ޕާކިން އިމާރާތްތަކެއް ހަދަން އިންވެސްޓަރުން ހޯދަން ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭނުގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން، މާލޭގައި 'މިކްސްޑް ޔޫސް ޕާކިން ބިލްޑިން' ހެދުމަށް އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތައް އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޕާކިން އިމާރާތްތަކެއް އަޅަން ކަނޑައަޅާފައިވާ ބިންތަކަކީ:
- - ބޮނޑިބަތް ޕާކު ހުންނަ ބިން
- - މަޖީދިއްޔާ ސްކޫލުގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯން
- - ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ އުތުރު ފަރާތުގައި އޮންނަ ޕާކިން ޒޯން
- - ހީނާމާގެ ޕާކިން ޒޯން
- - ވިޔަފާރިވެރިންގެ މިސްކިތުގެ ހުޅަނގު ފަރާތުގައި އޮންނަ ޕާކިން ޒޯން
މި ބިންތަކުގެ ބޮޑުމިނަކީ 3000-8000 އަކަފޫޓެވެ. ބޭސްމެންޓް ހިމެނޭ ގޮތަށް ފަސް ބުރިއަށް ޕާކު ކުރެވޭ ގޮތަށް އިމާރާތްކުރުމަށް ސިޓީ ކައުންސިލުން ޕްލޭން ކޮށްފައިވާ މި އިމާރާތްތަކުގައި ކޮމާޝަލް ފްލޯތަައް ހިމެނޭ ގޮތަށް އެންމެ އުސްކޮށް މީގެން އިމާރާތެއް ނެގޭނީ ނުވަ ބުރިއަށެވެ.
ކަނޑައެޅޭ ވަކި މުއްދަތަކަށް ވިޔަފާރި ބޭނުންތަކަށް އިމާރާތުގެ ކޮމާޝަލް ބުރިތައް ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކަށް ބޭނުންކުރެވޭނެއެވެ. އަދި ސިޓީ ކައުންސިލުން ކަނޑައަޅާ އުސޫލުތަކުގެ ދަށުން އެ އިމާރާތެއް ބެލެހެއްޓުމަކީވެސް ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތުން އެ މުއްދަތުގައި ކުރަންޖެހޭ ކަމެކެވެ.
މި މިކްސްޑް ޔޫސް ޕާކިން އިމާރާތް ހެދުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ރުފިޔާ ނުވަތަ 6000 ޑޮލަރު ދައްކަންޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް އަންނަ ހޮނިހިރު ދުވަހުގެ ކުރީން ރަޖިސްޓްރީ ކުރަންޖެހޭ އިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާޗް މަހުގެ 24 ވަނަ ދުވަހެވެ.
ސިޓީ ކައުންސިލުން ބުނީ ޕްރޮޕޯސަލް ހުށަހެޅޭނީ އެކަމަށް އެދި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު