ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައި މިއަދު ބަހުސް ފަށައިފިއެވެ.
ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް މިއަދު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.
ހައިކޯޓުގެ ގޮފިތައް އުފައްދާފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 35 މައްދާގެ (ށ) އާއި އޭގެ ތިރިން ހުރި އަކުރުތަކުން ބާރު ލިބިގެންނެވެ.
ކޯޓުތަކުގެ ގާނޫނުގެ 35 މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކޮށް އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށެވެ.
އެ ދެ ގޮފި ގާއިމުކުރާނެ ރަށަކާއި އެ ދެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ހައިކޯޓަށް ވަކި ހާއްސަ އިހުތިސާސްތަކެއް ކަނޑައެޅިފައި ވީ ނަމަވެސް، ހައިކޯޓުގެ ދެ ގޮފީގެ ތެރެއިން ކޮންމެ ގޮތްޕެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭނީ އެ ސަރައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުން އެކަނި ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ، ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައިކޯޓަށް އައްޔަންކޮށްފައިވާ 11 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންގެ ނިސްބަތުން ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އެ ގޮފިތަކަށް ހައިކޯޓުގެ ފަނޑިޔާރުން ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާއިމުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖޭގެ ދެ ސަރަހައްދު ކަމަށްވާ ހދ. ކުޅުދުއްފުށީގައި ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސީޓީގައި ހައިކޯޓުގެ ދެކުނު ގޮފި ވަނީ ގާއިމުކޮށްފައެވެ.
އޭގެ ތެރެއިން އުތުރު ގޮފީގައި ހިމެނޭ އަތޮޅު ތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. ދެކުނުގައި ހިމެނޭ އަތޮޅޫ ތަކަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.
ހައިކޯޓުގެ ގޮފިތައް އުވާލުމުގެ ބިލުގައި، އެ ގާނޫނުގެ 35 މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ހައިކޯޓު އަދި ހައިކޯޓުގެ އެންމެހާ ޝަރީއަތްތަކުގެ އަޑުއެހުން އާންމު ގޮތެއްގައި ހިނގަމުންދާނީ އަދި ހައިކޯޓަށް އައްޔަންކުރާ އެންމެހައި ފަނޑިޔާރުން ގާއިމުވެ ތިބޭނީ މާލޭގައި ކަމަށެވެ.
އެކަން އެހެން އޮތް ނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހުތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނަށް މި އިސްލާހު ގެނެސް އަމަލު ކުރަން ފެށުމުން ހައިކޯޓުގެ ގޮފިތަކާ ގުޅިގެން ނެރެފައިވާ، ސުޕްރީމް ކޯޓުގެ ރޫލިންތަކާއި ގަރާރުތަކާއި ސާކިއުލާތަކާއި އާއްމު ސިޓީތައް އުވުނީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު